ވޯލްޑް ކަޕެއް ހޯދަން ބޭނުންނަމަ ފުޓްބޯޅަ ދޫކޮށް ކްރިކެޓް ޚިޔާރު ކުރަން ޖެހޭ: ދޮންބިލެތް
ދުނިޔޭގެ ކުޅިވަރުގެ މައިދާނުގައި ރަނގަޅު ނަތީޖާއެއް ހޯދައި، ރާއްޖެއަށް ވޯލްޑް ކަޕެއް ހޯދޭނެ ހަމައެކަނި ގޮތަކީ ފުޓުބޯޅަ ދޫކޮށް ކްރިކެޓް ހިޔާރު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ފުޓްބޯޅަ ތަރި، އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެއެވެ.
ދޮންބިލެތް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖެއިން މީގެ ކުރިން މުބާރާތްތަކުގައި ބައިވެރިވަމުން އައީ ރަމްޒީ ގޮތެއްގައި ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
ދޮންބިލެތް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އަބަދު މުބާރާތްތަކުގައި ރަމްޒީ ގޮތުން ބައިވެރިވާ ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ކުޅިވަރުގައި ކާމިޔާބީއާ ހަމައަށް ދެވޭ ގައުމަކަށް ވާންޖެހޭ ކަމަށެވެ،
"އަޅުގަނޑު ގޮވާލަން ބޭނުން ރައްޔިތުންނަށް ވިސްނުން ބަދަލު ކުރަން. ފުޓުބޯޅައާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ފުޓުބޯޅަ އަޅުގަނޑުމެން އެބަ ދޫކޮށްލަން ޖެހޭ. ރާއްޖޭގެ ގައުމީ ކުޅިވަރެއްގެ ގޮތުގައި އޮތް ފުޓުބޯޅަ އަޅުގަނޑުމެން އެއް ފަރާތަށް ޖައްސާލާފައި، ވޯލްޑް ކަޕެއް ހޯދުމަށްޓަކައި މަސައްކަތް އެބަ ފަށަން ޖެހޭ،"
އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި މީގެ ކުރިން ފާހަގަ ކުރެވިފައިވާ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެކެވެ. ނަމަވެސް މިއަދު ދޮންބިލެތް ވިދާޅުވަނީ ރާއްޖެއަށް ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ފުޓުބޯޅަ އަކުން ނޫން ކަމަށާއި ކްރިކެޓުން ކަމަށް ވެސް ވިދާޅުވިއެެވެ.
ދޮންބިލެތް ވިދާޅުވީ އޭނާ އެހެން ވިދާޅުވުމުން ބައެއް ފަރާތްތަކަަށް ޖޯކަކަށް ވެސް ވެދާނެ ކަމަށާއި ނަމަވެސް ދިވެހިން ބަލަހައްޓައިގެން ތިއްބާ، ބަންގްލަދޭޝް އާއި އަފްޣާނިސްތާނު އަދި ސްރީލަންކާ އެ ވަނީ ވޯލްޑް ކަޕަށް ގޮސް ދުނިޔޭގެ ހުރިހާ ގައުމެއް ބަލިކޮށްފައި ކަމަށެވެ. އަދި ސަރަހައްދުގެ އެންމެ ވަރުގަދަ ކުޅިވަރަށް އަމާޒު ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅުނު ދޮންބިލެތް އިތުރަށް ވިދާޅުވީ ރާއްޖޭގައި ފުޓުބޯޅަ އިތުރަށް ތަރައްގީ ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.