ލައިފްސްޓައިލް

އެކުވެރިޔާއެވެ. ކާންދޭ އަތުގައި ދަތް އަޅާ މީހުން ވަރަށް ގިނަ ކަން ދަނެގެން އުޅޭށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެއީ މީގެ ދެތިން އަހަރު ކުރިން އެކުގައި އުޅުނު އެކުވެރިއެކެވެ. އަބަދުހެން އަހަރެމެން އުޅެނީ އެކުގައެވެ. އުފަލާއި ހިތާމަ ދެމީހުން އެކަކު އަނެކަކަށް ހިއްސާ ކުރަމުން ގެންދިޔައީމެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ކުރިމަތިވާ ކޮންމެ ކަމެއްގައިމެ އެހީތެރިވަމުން ގެންދިޔައީމެވެ. ކޮންމެ ދުވަހަަކުމެ އަހަރެމެން ދެމީހުން ދެމެދުގައިވާ ގާތް އެކުވެރިކަމަށްޓަކައި އަހަރެން ﷲގެ ހަޒްރަތަށް ހަމްދު ކުރީމެވެ. އަދި އަބަދުގެ އަބަދަށް އަހަރެމެން ދެމީހުންގެ އެކުވެރިކަން ލެހެއްޓެވުމަށް ދުއާ ކުރީމެވެ.

Ads by MWSC

އަހަރެމެން ދެމީހުން ދެމެދުގައި އޮތް ގާތް ގުޅުން ބަދަލުވާނޭ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. އެފަދަ ދުވަހެއް ދުވަހަކު ތަސްވީރު ވެސް ނުކުރަމެވެ. އެހެނަސް ކަންތައްތައް ބަދަލުވީ ހީވެސް ނުކުރާހާ އަވަހަށެވެ. އޭނާ އަހަރެންގެ މުޅި ދިރިއުޅުމުގައި ހުޅުޖެހީ އަހަރެންގެ އަތުގައި ހިފައި ހުރެއެވެ. އަހަރެންގެ ކަރަށް ވަޅި ޖެހުމަށްފަހު އޭނާ ފިލީ އަހަރެންގެ އެންމެ ގާތް މިތުރުގެ ގޮތުގައި ހުރެފައެވެ. އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ހީނަރުވާން ފެށީ ހަމަ އޭނާއާ ހެދިއެވެ. އެހެން ނަމަވެސް އެކަމުގެ ހިލަމެއް ވެސް އަހަރެންނަކަށް ނުވިއެވެ.

އަހަރެންނަށް ލޯ ކުރިމަތީގައި ވަމުން ދިޔަ ކަންތައްތައް ނުފެނުނީ އަހަރެން އޭނާއަށް ކުރި އިތުބާރެއްގެ ބޮޑު ކަމުންނެވެ. ހަގީގީ ރަހުމަތްތެރިކަމަކީ ވެސް ދުނިޔޭގައި ވާ އެއްޗެއް ކަމަށް އަހަރެންނަށް އޭނާގެ ސަބަބުން ގަބޫލު ކުރެވި އިތުބާރު ކުރަން ނުޖެހޭ ވަރަށް ކުރެވުނީމައެވެ. އަހަރެންގެ މިލްކަކީ އޭނާގޭ މިލްކެއް ކަމަށް ވެސް ދެކެވުނީމައެވެ. ނަމަވެސް އެކަންކަމުގެ ފައިދާ އޭނާ ނެގީ ނާޖާއިޒު ގޮތުގައެވެ. ފަހަރުގައި އަހަރެންގެ ލޯބިވެރިޔާ އަކީ އޭނާގެ ލޯބިވެރިޔާ ކަމަށް އޭނާ ހީކުރީއެވެ.

އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހީ އަހަރެންގެ ލޯބިވެރިޔާގެ ފޯނުން އަހަންނަށް ފެނުނު ފޮޓޯތަކެއްގެ ސަބަބުންނެވެ. އެއީ އަހަރެންގެ ލޯބިވެރިޔާ އާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާ އެކުގައި ނަގާފައިވާ ފޮޓޯ ތަކެކެވެ. އެ ފޮޓޯތަކުގައި ދެމީހުން ގައިގޯޅިވެގެން ފޮޓޯ ނަގާފައިވާ މަންޒަރު ފެނުމުން އަހަރެންގެ ތަލިން ކުޅު ހިކުނެވެ. ބުނާނެ ބަސް ހުސްވެ މީހާ ގަބުވިއެވެ. އެކުގައި އުޅެފައި އެންމެ ގާތް ރަހުމަތްތެރިޔާ ވެސް "ދޯކާ" ދިނީމައެވެ. އެއް ތަށިން ކައި އުޅުނު މަދަދުވެރިޔާ ވެސް އަހަރެން އޭނާއަށް ކާންދިން އަތުގައި ދަތް އެޅީމައެވެ.

ދެކޮޅުވެރި، ހަތުރަކު އަހަރެންނަށް ކިތައްމެ ގޯނާއެެއް ކުރި ކަމުގައި ވިޔަސް އަހަރެން އެހާ ދެރައެއް ނުވާނެއެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔައީ އެންމެ ގާތުގައި ހުރެފައި ކާންދިން އަތުގައި ދައިގަތީމައެވެ. އަދި އޭނާއާއެކު އަހަރެންގެ ލޯބިވެރިޔާ ވެސް އަހަރެންނަށް ބޭވަފާތެރި ވީމައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އަނެކާގެ އިހްސާސްތަކާ މެދު ވިސްނާ މީހުން ދުނިޔޭގައި އުޅޭލެއް މަދީއެވެ. އަނެކާގެ ދިރިއުޅުމަށް ވިހަ ލުމަށް ފަހު އުފަލުގައި އުޅެވިދާނެ ކަމަށް ހީކުރަނީއެވެ.

މިއަދު އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަމަށް ނިމުން އައިސްފިއެވެ.އަހަރެންގެ އެންމެ ގާތް މިތުރު މިއަދު ހަތުރަކަށް ބަދަލުވެއްޖެއެވެ. އެކުވެރިޔާއެވެ. އަހަރެންގެ ނަސޭހަތް އަޑުއަހާށެވެ، ރަައްޓެހިން ވެސް ގާތް ކުރަން ވަކި މިންވަރެއް ވެއެވެ. ރައްޓެހިންނަށް އިތުބާރު ކުރަން ވެސް ވަކި މިންގަނޑެއް ވެއެވެ. ކާންދޭ އަތުގައި ދައިގަތީމާ ވާ ތަދު މާ ބޮޑު ވާނެއެވެ. އެ ފުރުސަތު އެކަކަށް ވެސް ނުދޭށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!