ޚަބަރު

ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ : މިނިސްޓަރ އަސްލަމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަސްލަމް މިހެން ވިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަޠީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފަރެސްމާތޮޑާގައި ތަރައްޤީކުރާ އެއަރޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު މި މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.

މި އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އަންނަ އަހަރުގެ ފަހުކޮޅު އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެއަރޕޯޓް އެޅުމަށް ނިންމާފައިވަނީ ފަރެސްމާތޮޑާއާ ގާތްގަޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށެއްގައި ކަމުން ދެ ރަށް ކޯސްވޭއަކުން ގުޅާލާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަރެސްމާތޮޑާގެ އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ  144.8މިލިއަން ރުފިޔާގެ އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!