ގާބިލު މުވައްޒަފުން ނުލިބެނީ އުޖޫރައިގެ ހަމަހަމަކަން ނޯންނާތީ: ސީއެސްސީ

ސިވިލް ސާވަންޓުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވީސްގެ ދާއިރާކަށް ގާބިލު މީހުން ލިބުމުގެ ދަތިތައް ތަހައްމަލުކުރަން ޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެމިތިބި މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވާ ދުވަހެއް ކަމަށް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތޯބުގައި ނާސިހު ވިދާޅުވީ، ޒަމާނީ ފެންވަރެއްގައި އަވަސް ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ މުގައްދަސު ޒިންމާ އާއި ވާޖިބު އަދާކުރާ ސިވިލް ސާވަންޓުންގެވެސް ހުނާރާއި ގާބިލްކަން މަތިކުރުމަށް އިތުުރަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
މަސައްކަތުގެ އުޖޫރަ މަތިކޮށް އެ އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތިއްޖާއެއްގެ ގޮތުން ސިވިލް ސާވީސްގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
ނަމަވެސް ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި އެ ކުރިއެރުން ލިބިފައިނުވާކަން ނާސިހު ފާހަގަކުރެއްވިއެވެ.
''އަދި މި ދެންނެވި އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވީސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަންޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެމިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސް ކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހޭ ދުވަހެއްކަން ފާހަގަކުރަން'' ސީއެސްސީގެ ހުރިހާ ފަންތީތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް އޫޖުރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތް ވިހައިވެސް އަވަހަކަށް ނިންމައިދޭން ނާސީހު، ސަރުކާރުގައި އެދިވަޑައިގެންނެވިއެވެ.
ސީއެސްސީ އަކީ ސަރުކާރުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމާއި ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް މުއައްސަސާއަކަށްވާ އިރު ރައްޔިތުން ބަލައިގަންނަން ގޮތެއްގައި ހިދުމަތް ދިނުމުގައި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް މުއާމަލާތްކުރުމުގައި ސާފު އަދި ދެފުށް ފެންނަ ގޮތް ހިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމަށް ނާސިހުގެ ފާހަގަކުރެއްވިއެވެ.





.webp)

ކޮމެންޓް