ޚަބަރު

ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިނގާފައިވާތީ އެކަން އޭސީސީން ބަލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވް ގޭސް އިން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޓީއަށް ތުހުމަތު ކުރެވޭތީ މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލައި ތަހުގީގުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

Ads by Hajj Corporation

އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމި ނިންމުން ހުށަހެޅި ރިޕޯޓް ފާސްކޮށްފައި ވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. މިގޮތަށް ފާސްކޮށްފައި ވަނީ މޯލްޑިވް ގޭހުން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުހުމަތު ކުރެވޭތީއެވެ.

ކޮމިޓީން މިކަން ދިރާސާ ކުރުމަށްޓަކައި މޯލްޑިވް ގޭހުން ހޯދި މައުލޫމާތުން އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭސް އިން ފެށުނީއްސުރެ އެލްޕީޖީ އަދި އިންޑަސްޓްރިއަލް ގޭސް ގަތުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ސަޕްލަޔަރުން ހޯދާފައިވަނީ ޕްރޮކިޔުމަންޓް ޕޮލިސީގައިވާ ގޮތުގެމަތިންނެވެ.

ކުންފުނީގެ މެނޭޖްމަންޓުން ފާހަގަކޮށްފައިވަނީ ޓޭންކުތަކުގައި ރައްކާކުރެވޭ ކެޕޭސިޓީ އަކީ އޯޑަރުކުރަންޖެހޭ މިނަށްވުރެ ދަށް މިންވަރެއް ކަމަށްވާއިރު ގޭސް ސަޕްލައި ކުރާނެ އިތުރު ސަޕްލަޔަރެއް ހޯދުމަކީ ދަތިކަމެއް ކަމަށެވެ.

އެންޓަރޕްރައިސަސް ކޮމިޓީން ބުނެފައި ވަނީ މޯލްޑިވް ގޭހުން ލިބުނު މައުލޫމާތު ތަކުންނާއި ކުރި ދިރާސާތަކުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ އޭސީސީން ބަލައި ތަހުގީގުކުރުމަށްފަހު ގިނަވެގެން ދެ މަސް ދުވަސް ތެރޭގައި އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް އޭސީސީއަށް ދެންނެވުމަށް ވަނީ ހުށަހަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!