“ޗެލްސީއިން ލީގު ނެގުމުގެ ފުރުސަތު ބޮޑު"
އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި މި ސީޒަނުގައި ޗެލްސީއިން ނެގުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިންގްލޭންޑުގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ފުޓްބޯޅަ މާހިރު، ގެރީ ނެވިލް ބުނެފިއެވެ.
ގެރީ ބުނެފައި ވަނީ ޓޮޓެންހަމް އިން ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ނަމަވެސް، ޗެލްސީ އިން މި ސީޒަނުގެ ލީގު ތަށި ނަގާނޭކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ދާދި ފަހުން ޓޮޓެންހަމް އާއި ޗެލްސީ ބައްދަލުުކުރި މެޗު އެއްވަރު ވެގެން ނިމުނު އިރު ގެރީ ބުނެފައި ވަނީ ޗެލްސީ އަށް އެ މެޗު ކާމިޔާބު ކުރެވުނު ނަމަ ތާވަލުގެ އެއްވަނަ ލިބުނީސް ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ނުވީ ނަސީބު ދެރަވެގެން ކަމަށެވެ.
މި ސީޒަނު ވަރަށް ދަށް ކުޅުމަކާ އެކު ފެށި ޗެލްސީ އިން ކޮންމެ ހަފްތާ އަކުވެސް ނެރެމުން އަންނަ ނަތީޖާތަކުން ހައިރާންވާކަން ހާމަކުރަމުން ގެރީ ބުނެފައި ވަނީ މިހާރު ކުޅެމުން އަންނަ ފޯމުގައި ޗެލްސީ އިން ހިފަހައްޓައިފިނަމަ ލީގު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ޗެލްސީ އިން ދަނީ އަހަރެން ހައިރާން ކުރުވަމުން. ތިއާގޯ ސިލްވާ އާއި ކަންޓޭގެ އިސް ދައުރަކާ އެކު ޓޮޓެންހަމްގެ ބަދަލުގައި މިފަހަރު ޗެލްސީ އިން ތަށި ނަގާނެކަމަށް އަހަރެން ގަބޫލު ކުރަނީ" މީގެ ކުރިން ވެލެންސިއާ އަށްވެސް އިރުޝާދު ދީފައިވާ ގެރީ ބުނިއެވެ.
މިވަގުތު ޗެލްސީ އޮތީ 22 ޕޮއިންޓާ އެކު ތާވަލުގެ 3 ވަނައިގައެވެ. އެއްވަނައިގައި އޮތް ޓޮޓެންހަމް އޮތީ 24 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުން ޗެލްސީ އަށް ލީގު ކާމިޔާބު ކުރެވުނީ 2017 ވަނަ އަހަރު ނަމަވެސް، ޒުވާން ކުޅުންތެރިން ތަކަކާ އެކު އެ ކްލަބުން މި ސީޒަނުގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށްލެވެއެވެ.