ރޮނާލްޑޯގެ ދެ ގޯލުން މެސީ އާއި ބާސާ ލަދު ގަންނަވާލައިފި
ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގެ ފަހު މެޗުގައި ޔުވެންޓަސް އާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-0ގެ ނަތީޖާ އަކުން ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ.
ރޮނާލްޑޯ ޔުވެންޓަސް އަށް ސޮއި ކުރި ފަހުން މެސީ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗައް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނުއިރު އެ މެޗުގައި ބާސާ އަށް އެންމެ އެދެވޭ ކުޅުމެއް ވަނީ ނުދެއްކިފައެވެ.
މެޗު ފެށިގެން 11 ވަނަ މިނެޓުގައި ބާސާގެ އޭރިއާ ތެެރެއިން ރޮނާލްޑޯ އަށް ކުރި ފައުލް އަކާ ގުޅިގެން ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ވަރަށް ފަސޭހަ ކަމާ އެކު ރޮނާލްޑޯ ވަނީ އެ ބޯޅަ ގޯލުގެ މެދަށް ފޮނުވާލައިގެން ޔުވެންޓަސް އަށް މެޗުގެ ލީޑު ނަގައިދީފައެވެ.
ރޮނާލްޑޯ ލަނޑު ޖެހިތާ 9 މިނެޓު ފަހުން ޔުވެންޓަސްގެ ހުއާން ކައުޑްރަޑޯ ނަގައިދިން ހުރަހަކުން އެ ކްލަބުގެ ވެސްޓިން މެކަނީ ވަނީ ވަރަށް ހިތްގައިމު ލަނޑެއް ޖަހައި ،ޔުވެންޓަސްގެ ލީޑު ފުޅާ ކޮށްދީފައެވެ.
ފުރަތަމަ ހާފު 2-0ގެ ލީޑަކުން ޔުވެންޓަސް ނިންމާލި އިރު، ދެވަނަ ހާފުގެ 52ވަނަ މިނެޓުގައި ޔުވެންޓަސް އަށް ވަނީ އަނެއްކާވެސް ޕެނަލްޓީ އެއް ލިބިފައެވެ. އެ ޕެނަލްޓީވެސް ކީޕަރު ނުބައި ފަޅިއަކަށް ފޮނުވާލުމަށް ފަހު ރޮނާލްޑޯ ވަނީ މެޗުގެ ނަތީޖާ 3-0ށް ބަދަލު ކޮށްފައެވެ.
މި މެޗުގައި ބާސާގެ ގްރީޒްމަންގެ އާއި މެސީގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނުނު ނަމަވެސް، ގޯލެއް ޖެހިފައެއް ނުވެއެވެ. މި ދެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު އެ ކްލަބުގެ ބައެއް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅު ކުރަމުން ގެންދާކަން ފާހަގަކޮށްލެވޭ އިރު ރޭގެ ނަތީޖާ އަކީ މެސީ އަށް ލަދުވެތި ނަތީޖާ އެއް ކަމަށް ކުޅިވަރު މާހިރުން ދަނީ ބުނަމުންނެވެ.
ރޮނާލްޑޯ ރޭ ކާމިޔާބު ކުރި 2 ގޯލާއެކު އޭނާ ވަނީ ކްލަބު ކެރިއަރުގެ 850 ވަނަ ގޯލު ހަމަކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.
ޔުވެންޓަސް ރޭގެ މެޗުން 3-0 ގެ ނަތީޖާ އަކުން މޮޅުވުމާ އެކު ގޯލުގެ ތަފާތުން އެ ގްރޫޕުގެ އެއްވަނަ އެ ކްލަބަށް ވަނީ ލިބިފައެވެ.