ދީން

މަރުވެފައިވާ މީހުންނަށް ދިރިތިބި މީހުންގެ އަޑު އިވޭނެތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ޖަޒީރާ ނިއުސް

މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ދެއްވި ދަރުޙެއްގައި މީހަކު އެބޭފުޅާއާ ސުވާލެއް ކުރެއްވިއެވެ.

ސ. "މިދުނިޔެއިން ވަކިވެގެންދާ މީހުންނަށް (އެމީހުން ކަށްވަޅުގައިވާ ހިނދު) ދިރިތިބި މީހުންގެ އަޑު އިވޭނެ ހެއްޔެވެ؟ އެނގިފައިވާ ގޮތުގައި މަރުވެގެންދާ އަޅަކާއެކު ތިން އެއްޗެއް ކަށްވަޅާއި ހަމައަށް ދާނެއެވެ. އެއީ އޭނާ ކުރި ޢަމަލުތަކާއި، މުދަލާއި އާއިލާއެވެ. އަދި ކަށްވަޅުގެ އަޒާބު ލިބެން ފެށުމުގެ ކުރިން އެމީހަކު ދޫކޮށްފައިވާ (ވަޅުލާފައި) އެހެން މީހުންދާ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށާއި އޭގެ ފަހުން ކަށްވަޅުގެ އަޒާބު ފެށޭނެކަމަށް އެނގިފައިވެއެވެ. ކަށްވަޅުގައި ވާނެ ކަންކަން ރަސޫލާ (ޞޢޥ) އަށް އެނގި ވަޑައިގަންނަވާނެތޯއެވެ؟"

މުފްތީ މެންކް ގެ ޖަވާބު

"މިފަދަ ސުވާލުތަކެއް އަހަންނާ ކުރިމަތި ވެއްޖެނަމަ، އަހަރެން އެސުވާލުތަކަށް ޖަވާބު ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މިއީ ވަރަށް ވެސް މުހިންމު ސުވާލުތަކެކެވެ. ކޮންމެ ފަދަ މީހަކަށް މިސުވާލުތަކަށް ޖަވާބު ދެވޭނެ ހެއްޔެވެ؟

ކޮންމެކޮންމެ މީހަކަށް އައިސް 'އާނ މަރުވެފައި ތިބި މީހުންނަށް ވެސް އަޑު އިވޭނެއެވެ. އެމީހުންގެ މަހާނަ ކައިރިއަށް ގޮސް ވާހަކަ ދައްކާށޭ' މިފަދައިން ބުނެވޭނެ ހެއްޔެވެ؟ ނޫނެކެވެ.

ބައެއް މީހުންނަށް ހީވެފައިވަނީ މަރުވެފައި ތިބި މީހުންނަށް މިބިންމަތީގައި ވާހާ ކަމެއް އަޑު އިވޭނެ ކަމަށެވެ. ނަމަވެސް ހަގީގަތުގައި މިފަދަ ސުވާލުތަކަށް އެންމެ ފުރިހަމަ ޖަވާބެއް އަހަރުމެންނަށް ދެއްވަވާފައި ވަނީ އަހަރެމެންގެ ވެރިރަސްކަލާނގެ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢޥ) އެވެ.

މަރުވެގެންދާ މީހުންނަށް، ދިރިތިބޭ މީހުންގެ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށް ތިބުނާ ބަހަކީ ތެދެކެވެ. ނަމަވެސް މަރުވުމަށް ފަހު ކޮންމެ އިންސާނެއްގެ ވެސް ދުނިޔެވީ ޙިއްސުތައް ނެތި ފަނާވެގެން ދާނެއެވެ. މަރުވުމަށް ފަހު އެމީހަކު ހަމައެކަނި ގުޅިފައި ވަނީ މާތް ﷲ އާއެވެ.

ބައެއް ހާލަތްތަކުގައި މާތް ﷲ އެމައްޔިތަކަށް ބައެއް ކަންކަން އަޑު އިއްވަވައެވެ. ނަމަވެސް އަނެއް ބައި ކަންތައްތަކެއް އެމައްޔިތަކަށް ނުއިވޭނެއެވެ.

ފިޔަވަޅުތަކުގެ އަޑު އިވޭނެކަން ވެސް އަހަރެމެންނަށް އެނގިފައިވަނީ ޙަދީޘުން އެކަން ހާމަވުމުންނެވެ. ޙަދީޘްގައި ހަމައެކަނި ވިދާޅުވެފައި ވަނީ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށެވެ. އަޑު އިވެނީ ކިހިނެއް ކަމެއް އަހަރެމެންނަކަށް އެނގިފައެއް ނުވެއެވެ.

މީހަކު އަހާފާނެއެވެ. މަރުވެފައިތިބި މައްޔިތުންނަށް ސަލާމް ގޮވުމުން އެއަޑު އިވޭއިރު، އެހެން ހުރިހާ އަޑުތަކެއް ނުއިވެންވީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް އެމަހާނައެއް ކައިރިއަށް ގޮސް މައްޔިތުންނާ ވާހަކަ ނުދެއްކެންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ، މަރުވެފައިވާ މައްޔިތަކާ ދެއްކޭނީ ވަކި ކަހަލަ ވާހަކަތަކެއް ކަމާއި ދެއްކުން ނަހީ ނުރައްވާފައިވާ ވާހަކަތައް ދެއްކިޔަސް، އެމައްޔިތަކަށް އަޑު ނުއިވޭނެ ކަމެވެ. މިސާލަކަށް ބުނަނީ ނަމަ، މައްޔިތެއްގެ ކައިރިއަށް ގޮސް އެމައްޔިތެއްގެ ދަރިއެއްގެ ނުބައި ވާހަކަ ދައްކާ، ނުވަތަ މުސީބާތަކުން ސަލާމަތް ވެވިދާނެ ގޮތެއް ދެއްކުން ފަދަ ކަންކަމެވެ. އެކަހަލަ ވާހަކަތަކެއް މަރުވެފައިވާ މައްޔިތަކަށް އަޑެއް ނުއިވޭނެއެވެ.

އެހެންކަމުން މައްޔިތަކަށް ސަލާމް ގޮވުމުން އެސަލާމް ރައްދު ކުރައްވާނެ ކަމަށް މާތް ﷲ ގެ ވަޙީ ބަސްފުޅުން ހާމަވެގެންވެއެވެ. އެއީ ކިހިނެއް ކަމެއް އަންގަވާފައި ނުވާތީ، އެއީ ކިހިނެއް ކަމެއް ބުނާކަށް ނޭނގެއެވެ. ނަމަވެސް މާތް ރަސްކަލާނގެ ވަޙީ ބަސްފުޅުކަމަށް ވާތީ، އެހިސާބުން އަހުރެން އެކަން ޤަބޫލުކޮށް، އެހިސާބުން އެކަމާ އިތުރަށް ނުވިސްނާ ދޫކޮށްލަމެވެ.

ބައެއް މީހުން މަރުވެފައިތިބި މީހުންގެ މަހާނަ ކައިރިއަށް ގޮސް އެހެން މީހުންގެ ނުބައި ވާހަކަ ދައްކައެވެ. މިއީ އެދެވިގެންވާ ކަމެއް ނޫނެވެ. އަނެއް ބަޔަކު އެމީހުންނަށް އެކިކަންކަމުގައި އެހީވުމަށް ވެސް މަރުވެފައިވާ މައްޔިތުން ކައިރިއަށް ގޮސް އެދެއެވެ. މިއީ ވެސް ކުރުން ނަޙީ ކުރައްވަވާފައިވާ ކަމެކެވެ.

ރަސޫލާ (ޞޢޥ) އާއި ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި އަހަރެން ބުނާނީ، އެކަލޭގެފާނަށް މީހަކު ޞަލަވާތާއި ސަލާމް ކުރުމުން، އެސަލާމް އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެކަލޭގެފާނު ވެސް ވަނީ ކުރިން ޙަދީޘްފުޅު ކުރައްވަވާފައެވެ. އެއީ ކިހިނެއް ކަމެއް އެނގިގެނެއް ނުވެއެވެ. އެކަލޭގެފާނުގެ އެފަދައިން ޙަދީޘްފުޅު ކުރެއްވުމުން، އެހިސާބުން އަހަރެން އެކަން ޤަބޫލު ކޮށްފީމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!