ދެވަނަ ދަރިފުޅަށް ކިޔާނެ ނަމަކާމެދު ސައިފްއާ ކަރީނާ އަދިއެއް ނުވިސްނާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރް ޚާން އަށް ލިބެން އުޅޭ ދެވަނަ ދަރިފުޅަށް ކިޔާނެ ނަމަކާމެދު އަދި ނުވިސްނާ ކަމަށް ކަރީނާ ބުނެފިއެވެ.
ކަރީނާ ހޯސްޓު ކޮށްގެން ކުރިއަށްގެންދާ ޓޯކްޝޯއެއް ކަމަށްވާ "ވަޓް ވިމެން ވޯންޓް" ގައި އެކްޓަރ ނޭހާ ދޫޕިއާ އާއެކު ދެއްކި ވާހަކައެއްގެ ތެރޭގައި، ކަރީނާ ބުނީ އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން ޕަޓައުޑީއަށް ދިން ނަމާހެދި ޖެހުނު ބޮޑު މައްސަލަގަނޑުގެ ސަބަބުން، ދެވަނަ ދަރިފުޅަށް ދޭނެ ނަމަކާމެދު އަދި އެމީހުން ވިސްނާފައި ނުވާ ކަމަށެވެ.
"އަހަރުމެން ނިންމައިގެން މިހުރީ އަދި ހަމަ އެއްގޮތަކަށް ވެސް އެކަމާމެދު ނުވިސްނަން. މިފަހަރު ދަރިފުޅަށް ކިޔާނެ ނަމަކާމެދު ވިސްނާނީ ވެސް ކުއްޖާ ލިބޭފަހުން. އެދުވަހު އެންމެންނަށް ވެސް ސަޕްރައިޒެއް ދޭނީ" ކަރީނާ ބުނެފައިވެއެވެ.
ދަރިފުޅަށް ދޭނެ ނަމަކާ ބެހޭގޮތުން ޕޯލެއް ހަދަން ނޭހާ ޚިޔާލު ދިނުމުން ވެސް ކަރީނާ ބުނީ އެކަމާ މިފަހަރު އެދެމަފިރިން އުޅޭނީ ހަމަ އެންމެ ފަހު ވަގުތު ކަމަށެވެ.
ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރި ތައިމޫރް 2016 ވަނަ އަހަރު އުފަންވުމުގެ ކުރިން، ދަރިފުޅަން ކިޔާނީ އެނަންކަން ސައިފް ވަނީ ހާމަ ކޮށްފައެވެ. ދިން ނަމާމެދު ހިތްހަމަ ނުޖެހިގެން އެއިރު އެތައް ބަޔަކު ވަނީ މީސް މީޑިއާ ގައި އެދެމަފިރިންނާ ދިމާލަށް އެއްޗެހި ގޮވާ ފާޑުކިޔާފައެވެ. އެމީހުން ބުނި ގޮތުގައި "ތައިމޫރް" އަކީ ކުރިން އިންޑިއާ ގައި އުޅުނު އަނިޔާވެރި ވެރިއަކަށް ކިޔާ ނަމެކެވެ. ނަމަވެސް ކަރީނާ އާއި ސައިފް އެފާޑުކިޔުންތަކަށް ދިނީ ބީރު ކަންފަތެކެވެ.