ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ މީހުން، ޙައްޖަތުލް ވަދާޢުގެ ވާހަކަދައްކަން ލަދުގަނޭ
އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ އަދަކު އިއްޔެއަކު ބަޔަކު ފަށައިގެން އުޅޭ ވާހަކައެއް ނޫނެވެ. އެވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި މޭރުމުން ދެކެވޭތާ ލައްކަ ޒަމާނެއް ވެދާނެއެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ދެކެވޭ ވާހަކަތައް ވެސް އަންނަނީ ބަދަލުވަމުންނެވެ.
ޔޫތު ފޯ ހިއުމަން ރައިޓްސްގެ ވެބްސައިޓަށް ބަލާއިރު އިންސާނީ ޙައްޤުތަކުގެ ޒަމާނީ ތާރީޚުން ފެންނަން އޮތް އެންމެ ދޮށީ ހެއްކަކީ ، އިނގިރޭސި ރައްޔިތުންނަށް ބައެއް ޙައްޤުތައް ކަށަވަރު ކޮށްދީ ރަސްކަލުން ގާނޫނީ އިމުގެ ތެރެއަށް ވެއްދި މަޝްހޫރު މެގްނާކާޓާ (1215މ) އެވެ. އެއަށްފަހު ދެން ފެންނަން އޮތީ މީލާދީން 1689 ގައި އުފަންވި އިނގިރޭސި 'ބިލް އޮފް ރައިޓްސް' އެވެ. އަދި 1776މ ގައި އެމެރިކާގެ މިނިވަންކަން އިއުލާނު ކުރުން ވެސް ވެގެން ދިޔައީ އިންސާނީ ހައްގުތަކުގެ މައުޟޫގައި ލިޔެވުނު އިތުރު ޞަފްޙާއަކަށެވެ. އަދި 1789މ ގައި ފުރާންސްގެ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަމަށް ކަނޑައެޅުނު 'ދަ ޑިކްލެރޭޝަން އޮފް ދަ ރައިޓްސް އޮފް މޭން އެންޑް އޮފް ދަ ސިޓިޒެން' އަކީ ވެސް މި މައުޟޫއަށް އިތުރުވި ބޮޅެކެވެ. އަދި މީގެ އިތުރަށް 1791މ ގައި އެމެރިކާގެ ގާނޫނޫ އަސާސީ ވުޖޫދުވުމަށް ފަހު އިންސާނީ ޙައްޤުތަކުގެ އަޑު ތަންކޮޅެއް ގަދަ ވެގެން ދިޔައެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުމާއެކު ނޯރެންބާގާއި ޓޯކިޔޯގައި ބޭއްވުނު ޝަރީޢަތްތަކަށް ފަހު މަޝްހޫރު ޔުނައިޓެޑް ނޭޝަންސް ނުވަތަ އަލިފު ދާލު އުފެދިގެން ދިޔައެވެ. އަދި ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ 30 ޙައްޤެއް ބަޔާންކޮށް 1948މ ގައި އެންމެން ދަންނަ ' ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް' ލިޔެވި ތަސްދީގު ކުރެވެން ފެށުނެވެ. މިއާއެކު ޒަމާނީ އޮއިވަރުގައި އިންސާނީ ހައްގުތައް އުދުހި ދުނިޔޭގައި ދަތުރު ކުރަން ފެށިއެވެ. އަދި އެކި ޤައުމުތަކުން އެއަށް ކާންދީ ބޮޑު ކުރަމުން އޮޅު ކުރަމުން ދިޔައެވެ. އަދާ ޖެހެންދެން ވެސް ވަރަށް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އިންސާނީ ޙައްޤުތަކުގެ މަޞްދަރަކީ 'ޔޫ.ޑީ.އެޗް.އާރު' އެވެ.
ކޮންމެއަކަސް، އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ދައްކާއިރު، އެ އެއްޗެއްގެ ނުވަތަ ކަމެއްގެ އަސްލަށް ރުޖޫޢަ ވުމަކީ ބުއްދިވެރިން އަބަދުވެސް ކުރަމުން އަންނަ ވަރަށް ތަހުޒީބީ ކަމެކެވެ. އެގޮތުން ޒަމާނީ އިންސާނީ ޙައްޤުތަކުގެ ހައެއްކަ ޤަރުނު ކުރިއަށް ނުވަތަ އ.ދ ގެ އިންސާނީ ޙައްޤުތަކުގެ ތާރީޚުގެ 14 ޤަރުނު ކުރިއަށް ޖެހިލާއިރު ފެންނަ ބޮޑު މަންޒަރަކީ މީގެ ސާދަ ސަތޭކަ އެތައް އަހަރެއް ކުރިން 7 ވަނަ ޤަރުނުގައި މަދީނާގައި ބިންގާއެޅުނު އިސްލާމީ ޙަޟާރަތެވެ. އޭރު އަރަބި ދުނިޔޭގައި އިންސާނުންގެ ޙައްޤުތަކުގެ އޮތް ދަށުދަރަޖައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އަންހެން ކުދިން ދިރިތިއްބާ ވަޅުލުމާއި އެކަނބަލުންނަކީ ފިރިހެނުންގެ 'މުދާގަނޑެއްގެ' ގޮތުގައި ގެންގުޅުން އެއީ އޭރުގެ އާދަކާދައިގެ ތެރޭގައި އޮންނަ ކަމެކެވެ. އަދި އަޅުން ގެންގުޅުމާއި ރިބާ ކެއުމުގެ އިތުރަށް ނުހައްގުން މީހުން މެރުމަކީ އޭރު މާބޮޑެތި ކަންކަމެއް ނޫނެވެ.
އެގޮތުން މީލާދީން 622 ވަނަ އަހަރު ވުޖޫދުވި މަޝްހޫރު 'މަދީނާ ކޮންސްޓިޓިއުޝަން' ގެ މައިގަނޑު ބޭނުމަކީ ޤަބީލާތަކުގެ މެދުގައި އޮންނަ ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނެސް މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް އެބައިމީހުންގެ އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމެވެ. އެގޮތުން އެބައިމީހުންގެ ޒިންމާތަކާއި އަނެކުންގެ މައްޗަށް އޮތް ޙައްޤުތައް ވަރަށް ތިލަކޮށް ބަޔާން ކުރެވިފައި ވެއެވެ. މީގެއިތުރަށް ، އެދުވަސްވަރު އިސްލާމްދީން މުޅިން އަލަށް އިންސާނުންނަށް ވަކިން ޚާއްޞަކޮށް އަންހެނުންނަށް ކަށަވަރު ކޮށްދިން ޙައްޤުތަކުގެ ތެރޭގައި އުނގެނުމުގެ ޙައްޤާއި ތަރިކަ މުދަލުން ވާރުތަވުމުގެ ޙައްޤުގެ އިތުރަށް ކައިވެނީގެ ރަނަކީ އަންހެން މީހާއަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުނެވެ. އަދި ކައިވެނި ކުރުމުގައި އަންހެނާގެ ރުހުން އޮންނަން ޖެހޭ ކަމަށް ކަނޑައަޅައި އިޤްތިޞާދީ ކަންކަމުގައި ބައިވެރިވެ އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރެވޭނެ ބަޔަކަށް އަންހެނުން ހަދައިދިނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކެވެ.
އަދުގެ ޒަމާނީ އޮއިވަރުގައި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާ ގިނަބަޔަކު ދައްކަން ބޭނުންނުވާ ވާހަކަ ފަށަމާ ހިނގާށެވެ. ދުނިޔޭގެ ބިމަށް އައި އެންމެ ޚުލްޤު ހެޔޮ އަދި އިންސާނީ ޙައްޤުތަކުގެ މޭސްތިރި ނަމޫނާ މީލާދިން ހަތްވަނަ ޤަރުނުގައި ޢަރަފާތު ބިމުގައި ހުންނަވާ ދެއްވި ޚުޠުބާގެ ވާހަކައެވެ. އެ ޚުޠުބާގައި އެންމެ ފުރަތަމަ ވެސް ކަށަވަރު ކޮށްދެއްވި ޙައްޤަކީ މީސްތަކުންގެ ލެޔާއި މުދަލާއި އަބުރު ޤިޔާމަތާ ޖެހެންދެން ރައްކާތެރި ކޮށްދެއްވުމެވެ. އަދި އަމާނާތަށް ރައްކާތެރިވުމާއި ރިބާ ޙަރާމްކު ރެއްވުމެވެ. ދެން ކަށަވަރު ކޮށްދެއްވި ޙައްޤަކީ ނުޙައްގުން ލޭއޮހޮރުވުމާއި އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަދަލުހިފުން ބާޠިލް ކުރެއްވުމެވެ. އަދި ދެމަފިރިންގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވައި އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެވުނެވެ.
މީގެ އިތުރަށް ހުރިހާ މުސްލިމުންނަކީ އަޚުންތަކެއް ކަމާއި އެއްބަޔަކު އަނެއްބައެއްގެ މުދާ ރުހުމެއް ނެތި ނުކެއުމަށް ވަޞިއްޔަތް ކުރެވުނެވެ. އަދި ދީނުން ބޭރުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް ހަނގުރާމަކުރުން މަނާ ކުރެވުނެވެ. އަދި ނަސްލީ ތަފާތުކުރުން ނައްތާލައްވައި އިންސާނުންގެ ހަމަހަމަކަން ގާއިމް ކުރެވުނެވެ. ތަޤްވާވެރިކަމުން މެނުވީއެވެ. މީގެ އިތުރަށް ވެސް އިސްލާމްދީން ވަނީ ދުނިޔެ އޭރު ނުދެކޭ އެތައް އިންސާނީ ޙައްޤެއް އިންސާނުންނަށް ހޯދައިދީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ހިތާމައަކީ މުސްލިމުންގެ އަތުން ހުޅަނގުގެ މީހުން 'ވަގަށްނެގި' ޢިލްމުގެ އަހުލުވެރިން މިއަދު މިވާހަކަތައް ދައްކަން ލަދު ގަންނަކަމެވެ. ޚުދު އަހަރެމެންގެ ތެރެއިން ގިނަ ދިވެހިން ވެސް އިސްލާމީ ރިވެތި އުސޫލުތަކުގެ ވާހަކައާއި އެދީނުގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކަން މިއަދު ލަދު ގަނެއެވެ. ޖެހިލުން ވެއެވެ.
އާޓިކަލް ވަރަށް ފައްކާ. މައުލޫމާތު ހުރި އާޓިކަލެއް. އިންސާނީ ހައްގުތަކުގެ މޭސްތިރިން ކަމަށް މިހާރު ތިޔަ ދައުވާކުރާ ފަރަންޖީންނަކީ އިންސާނަކު ފެނުނަސް ވަކިކުރަންވެސް އެނގޭ ބައެއްނޫން. އިންސާނުންގެ ހައްގަށްވުރެ ޖަނަވާރުންގެ ހައްގުވެސް ތިޔަ ފަރަންޖީންނަށް މުހިންމުވާނެ.