ރިޕޯޓް

ފޯކައިދޫގައި އެއްދުވަހަކު ކަރަންޓީނުވި ދެ އާއިލާއެއްގެ ސާމްޕަލް ނެގުމުގައި ތަފާތުކުރި ކަމުގެ ޝަކުވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެއިން ށ. ފޯކައިދޫ އަށް މިމަހުގެ 3 ވަނަ ދުވަހު ދަތުރު ކުރި ދެ ޢާއިލާއަކަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެ ގޮތަކަށް ކަންތައް ކުރި ކަމުގެ ޝަކުވާއެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން އެރަށުގައި ކަރަންޓީނުގައި ހުރި މީހަކު ބުނީ އޭނާގެ އަނބިމީހާ އާއި ދެ ދަރިން ގޮވައިގެން އެރަށަށް ދިޔައި މިމަހުގެ 3 ވަނަ ދުވަހުގައި ކަމަށާއި އަދި ގޮސްފައި ތިބީ ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، ކަރަންޓީނުގައި ކަމަށެވެ.

އެޗްޕީއޭ އިން ފަހުން ނެރުނު ގައިޑްލައިނުން ބުނާގޮތުގައި މިމަހުގެ 4 އިން ފެށިގެން މާލެއިން އެހެން ރަށްރަށަށްދާ މީހުން ކަރަންޓީނު ވެގެން ހުންނަން ޖެހެނީ 10 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އޭގެ ކުރިން ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.

އެހެންކަމުން އެމީހުން ތިބީ އެމުއްދަތަށް ކަރަންޓީނު ވެގެން ކަމާއި، ނަމަވެސް އެމީހުންނާ ހަމަ އެއް ދުވަހެއްގައި އެރަށަށް ދިޔަ އެމްއެންޑީއެފް މީހަކާއި އެމީހާގެ އަނބިމީހާ އާއި ދަރިފުޅުގެ ކަރަންޓީނު މުއްދަތު މިއަދަށް ހަމަވިކަމަށް ނިންމާ އެމީހުންގެ ސާމްޕަލް މިއަދު ނެގިކަމުގެ ކަންބޮޑުވުންތަކެއް މައުލޫމާތު ދިން ފަރާތުން ވަނީ ފާޅުކޮށްފައެވެ.

"އަޅުގަނޑުމެން ވަރަށް ދެރަވެފަ މިތިބީ އެކަމާ. ވަރަށް ހާލުގަ މިތާ މިއުޅެނީ. ކުޑަ ކުދިން ގޮވައިގެން މިހެން ތަނެއްގަ ބަންދުވެފަ ހުންނަން ވީމަ ވަރަށް ދަތިވޭ ހަގީގަތުގަ. އެމީހުން ވެސް އައީ ހަމަ އަޅުގަނޑުމެންނާ އެއް ދުވަހެއްގައި. އެހެންވެއްޖެ ކަމަށްވަންޏާ އެމީހުންނަށް ވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނޫންތޯ އިންނާނީ" މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާސިފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއެންޑީއެފްގެ ބޭފުޅާ އާއި އޭނާގެ އާއިލާ 3 ވަނަ ދުވަހު ދަތުރުކުރަން ހަމަޖެހިފައިވީ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިން ބަދަލު ކުރުމާ ގުޅިގެން، 4 ވަނަ ދުވަހު ދަތުރު ކުރާގޮތަށް ލިޔުން ބަދަލު ކުރުމަށް، 4 ޑިސެމްބަރު ގައި ދަތުރުކުރަން ހުއްދައަށް އެދި ހުށަހެޅި ކަމަށެވެ. ނަމަވެސް އެއިރު ހުއްދަ ނުލިބި ލަސްވާތީ 3 ވަނަ ދުވަހު ދަތުރު ފެށި ކަމަށާއި ދަތުރުގެ ތެރެއިން (4ވަނަ ދުވަހު ދަތުރު ކުރަން) ހުއްދަ ލިބުނު ކަމަށެވެ.

"އެޗްޕީއޭ އަށް ރިކުއެސްޓު ކޮށްފަ އިނީ. އެޗްޕީއޭ އިން އެޕްރޫވް ނުކުރާ ކަމަށްވަންޏާ ކުރީގައި އިން ތާރީޚުގައި ދަތުރު ކުރަން ޖެހޭނެތާ. އެހެންވެ ތިންވަނަ ދުވަހު ހަމަ ދަތުރު ފަށާފަ އިނީ. ދަތުރުގެ ތެރެއިން އެޗްޕީއޭ އިން އިނީ 4 ވަނަ ދުވަހަށް އެޕްރޫވަލް ލިބިފަ. އެހެންވީމަ އެޗްޕީއޭގެ ސިސްޓަމުގައި އިންނާނީ 4ވަނަ ދުވަހުގެ ދަތުރެއްގެ ގޮތުގައި ނޫންތޯ" އާސިފް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޕީއޭ އިން ވިދާޅުވީ އެއްވެސް ޝަކުވާއެއް ކަންބޮޑުވުމެއް އެއްވެސް ފަރާތެއްގެ އުޅޭކަމަށްވާނަމަ، އެޝަކުވާއެއް އެއެޖެންސީއަށް ހުށަހެޅުމަށެވެ.

Ads by HDC
  1. ޒުލޭ

    ތީ ހާދަ މޮޅު ގަވައިދެކޭ ދޯ.. ހަމަ އެއްދުވަހެއްގަ ދަތުރު ކޮށްފިއްޔާ އިންނަން ވާނީ ހަމަ އެއް ގަވާއިދެއް.. ވަކި މީހަކަށް ވަކި ގޮތެއް ހެދިގެން ނުވާނެ… އެމް އެން ޑީ އެފް ބޭފުޅާއަށް ކަރަންޓީނު މުއްދަތު ހަމަ ވެއްޖެޔާ ހަމަ އެ ނިކަމެތި މީހާ އަށް ވެސް ކަރަންޓީނު މުއްދަތު ހަމަ ވާން ޖެހޭނެ… ހަމަ ހަމަ ކަން ގާއިމު ކުރުމަށް އެޗްޕީއޭ އަށް ގޮވާލަން

  2. މަނަން

    އެހެންވީމާ ކަރަންޓީނަ ދިއުމުގެ 9 ދުވަސް ކުރީގެ ތާރީހު ޖެހީމަ ރަގަޅުވާނެތާ. ކަރަންޓީން ވާތާ ދެދުވަހުން ނިމޭނެ

  3. ތީ ފޯކައިދޫއެއްނު

    ވަރަށް ބޭއިންސާފުން ކަންކުރާ ކައުންސިލެއްތީ އަދި އެންޑީޕީ ސަޕޯޓަރަަކަށް ނުވަންޔާ ޖަހާލާނެ ޖޫރިމަނާވެސް