ބޯކޯ ހަރާމުން ނައިޖީރިއާގެ 300އަށްވުރެ ގިނަ މުސްލިމު ދަރިވަރުން ރަހީނު ކޮށްފި
ނައިޖީރިއާގެ ކަންކަރާ އަވަށުގައި ހުންނަ ސްކޫލެއްގެ 300 އަށްވުރެ ގިނަ މުސްލިމު ދަރިވަރުން، ބޯކޯ ހަރާމުން ރަހީނު ކޮށްފިއެވެ.
ހަރުކަށި ފިކުރުގެ ޖަމާޢަތެއް ކަމުގައިވާ ބޯކޯ ހަރާމުން އެކުދިން ރަހީނު ކޮށްފައިވާ ކަމަށް ވަނީ އެއްބަސްވެފައެވެ. އެޖަމާޢަތުގެ ނައިޖީރިއާ ގޮފީގެ ލީޑަރު ކަމަށްބުނެ ފިރިހެނަކު ވަނީ، އެކުދިން ރަހީނު ކުރީ އެމީހުންކަމަށް ބުނާ އޯޑިއޯއެއް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެޖަމާޢަތުން ރަހީނު ކޮށްފައި މިވަނީ ހުސް ފިރިހެން ކުދިން ތަޢުލީމު ހާސިލު ކުރަމުންދާ ސްކޫލެއްގެ ދަރިވަރުންތަކެކެވެ.
ނައިޖީރިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ޖޯން އެނެޝް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެކުދިން ރަހީނު ކޮށްފައިވަނީ އިއްޔެ ކަމަށާއި، ރަހީނު ކުރި ކުދިންގެ ސީދާ އަދަދު އަދި ނޭނގުނު ނަމަވެސް ގާތްގަނޑަކަށް 333 އެއްހާ ކުދިން އެސްކޫލުން މަދުކަމަށް މިހާރުގެ ރިކޯޑުތަކުން ދައްކާ ކަމަށެވެ.
ސަރުކާރުގެ ސައިންސް ސެކަންޑަރީ ސްކޫލުން އިއްޔެ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން އެކުދިން ރަހީނު ކޮށްފައިވަނީ ހަތިޔާރާއެކު އެސްކޫލަށް ވަދެ ރެއިޑް ކުރުމަށްފަހުއެވެ.
މިއީ ބޯކޯ ހަރާމުން ހިންގި ޢަމަލެއްކަމަށް އެއްބަަސްވި މީހާ އޭނާ ފޮނުވި އޯޑިއޯ މެސެޖުގައި ބުނެފައިވާ ގޮތުގައި އޭނާގެ ނަމަކީ އަބޫބަކުރު ޝެކާއު އެވެ.
"ބޯކޯ ހަރާމް" ގެ މާނައަކީ "ދެކުނުގެ ތަޢުލީމު އުނގެނުން މަނާ" އެވެ. އެޖަމާޢަތުން 2014 ވަނަ އަހަރު ވަނީ ޝިބޯކް ނަމަކަށް ކިޔުނު އަވަށަކުން 100 އަށްވުރެ ގިނަ އަންހެން ކުދިން ވެސް ވަގަށް ނަގައިގެން ރަހީނު ކޮށްފައެވެ.
ކަޓްސީނާ ގެ ގަވަރުނަރު އަމިނޫ ބެލޯ މަސާރީ ރޭގައި ބުނެފައިވަނީ މުސްލިމު ދަރިވަރުންތައް ރަހީނު ކުރި މީހުންނާ ސުލްޙައިގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، އެމީހުން ބޭނުންވާ ގޮތެއް ވެސް އަހަމުންދާ ކަމަށެވެ. އަދި އެކުދިންގެ ރައްކާތެރިކަމާ ބެހޭގޮތުން ވެސް ވާހަކަ ދެކެވެމުންދާ ކަމަށް ގަވަރުނަރު ބުނެފައިވެއެވެ. ޓްވިޓާ މެދުވެރިކޮށް ރޭގައި ގަވަރުނަރު މިހެން ވިދާޅުވެފައިވާއިރު، އެކުދިން ރަހީނު ކުރީ ކޮން ބައެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.