ދުނިޔެ

ސްވިޒަރލޭންޑުގެ ނައިޓްކްލަބެއް ލޭހަދިޔާ ކުރާ މަރުކަޒަކަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސްވިޒަރލޭންޑުގެ މަޝްހޫރު ނައިޓު ކުލަބެއް ކަމަށްވާ "ސްވިސް ކްލަބު" ބަންދުކޮށް އެތަން ލޭ ހަދިޔާ ކުރާ މަރުކަޒަކަށް ބަދަލު ކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މިޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި މި ނައިޓް ކްލަބަކީ ކޮވިޑު-19 ގެ ސަބަބުން ބަންދުކޮށްފައި ހުރި ނައިޓު ކުލަބެކެވެ. އަދި އެ ކުލަބުގެ ބޭނުން ހިފުމުގެ ގޮތުން މިހާރު ލެއަށް ޖެހިފައިވާ މީހުންނަށް ލޭ ހޯދޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި އެތަން ވަނީ ލޭ ހަދިޔާ ކުރާ މަރުކަޒަކަށް ބަދަލު ކުރެވިފައެވެ.

އެ ނައިޓް ކުލަބު ލޭ ހަދިޔާ މަރުކަޒަކަށް ބަދަލު ކުރެވުނު ނަމަވެސް އެއީ އެތަނަށް ދާއިމީ ކޮށް ގެނެވުނު ބަދަލެއް ނޫން ކަމަށާއި، ވަގުތީ ގޮތުން ކޮވިޑާ ހުރެ ބަންދު ކުރުމުގެ ސަބަބުން ގެނެވުނު ބަދަލެއް ކަމަށާއި އަދި ކޮވިޑަށް ފަހު އަލުން ހުޅުވާ ގޮތަށް ހަމަޖެހިފައި ވާކަމަށް ވެސް ބޭރު މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

އެތަނުގައި މިހާރު ހުންނަނީ ނަރުހުންނަށް ބަލަން ފަސޭހަ ވާނެ ގޮތަށް ލައިޓުތަކަށް ބަދަލު ގެނެވިފައި ކަމަށާއި މަޑު މައިތިރި ލަވަތައް ޖަހާފައި ކަމަށް ވެސް މީޑިއާތަކުން މައުލޫމާތު ލިބެއެވެ. ސްވިސް ކްލަބުގެ ވެރިޔާ ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 10 މަހަށް ފަހު އަލުން ކްލަބު މިފަދަ ގޮތަކަށް ހުޅުވިގެން ދިއުމަކީ ވެސް އޭނާ އެކަމާމެދު ފަޚުރުވެރިވެ އުފާވާ ކަމެއް ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!