"އަހަރަމެން އުކާލާ ޕްލާސްޓިކް އަހަރެމެންނަށް އެބަކެވޭ"

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާންދޫ ފިޝަރީޒް ކޮމްޕުލެކްސްގައި ބޭއްވި ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުޞަތު ލިބުމުން އެދުވަހު މާންދޫ ޖެޓީގައި ހަރަކާތްތެރިވިއިރު އަޅުގަނޑަށް ފެނުނު އެހެން މަންޒަރު ތަކެއްވީ ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަކަށެވެ.
މޫދަށް އެޅޭ ޕްލާސްޓިކާ ބެހޭގޮތުން މާންދޫ ފިޝަރީޒް ކޮމްޕުލެކްސްގެ ޖެޓީގައި ޖަހާފައިހުރި ބިލްބޯޑުގައި ވަނީ " އަޅުގަނޑުމެން އުކާ ޕްލާސްޓި އަޅުގަނޑުމެންނަށް ކެވޭ" ކަމަށެވެ. އެ ބިލްބޯޑުގެ ކައިރީގައި" ޕާރލޭ" ޖަހާފައި ހުރި ޑަސްބިންތަކެއް ހުއްޓެވެ. މިއީ މަސް ދޯނިފަހަރުގައި ބޭނުންކުރާ އެކިއެކި ބާވަތްތަކުގެ ތަކެތި ބޭނުން ކުރުމުން ކުނީގެ ގޮތުގައި އުފެދޭ ޕްލާސްޓިކު އެޅުމަށް ތައްޔާރު ކުރެވިފައިވާ ޑަސްބިންތަކެކެވެ. އެހެންކަމުން މިފެނުނު މަންޒަރަށް ޝައުގުވެރިކަން އުފެދި އިތުރަށް މިކަން ކުރިއަށް ދާގޮތް ބަލާލިއިރު މަސް ދޯނިފަހަރުން ގެންނަ ޕްލާސްޓިކުގެ ރެކޯޑު ވެސް ބެލެހެއްޓޭގޮތަށް ކަންކަން ވަނީ އިންތިޒާމް ކޮށްފައެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން ކަނޑަށް އެޅޭ ޕްލާސްޓިކްގެ ސަބަބުން ކަނޑުތައް ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައެވެ. އަދި މިފަދަ ޕްލާސްޓިކުތައް ހަލާކުވެ ކުދިކުދިވެ މައިކުރޯ ޕްލާސްޓިކަށް ވުމުން އެތަކެތި ވެއްޔާއެކުވެފައި ހުންނައިރު ހުންނަނީ އަޅުގަނޑުމެންގެ ލޮލަށް ނުފެންނަހާ ކުދިކޮށެވެ. ދާދި ފަހުން ޝާއިއު ކުރި ދިރާސާއެއްގައި ވާގޮތުން ރާއްޖެ ވަނީ މައިކުރޯ ޕްލާސްޓިކުން ވަަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ. މޫދުގައި އުޅޭ ބައެއް މަސްމަހަކީ ބިންމަތިން ކިލާ ބޮއެގެން އެއަށް ބޭނުންވާ ކާނާ ހޯދާ މަސްމަހެވެ. މިފަދަ މަސްތަކަށް ކެއުމުގެ ތެރޭގައި ގިނަ އަދަދަކަށް ޕުލާސްޓިކު ކެވޭނެއެވެ. އަދި ހަމަ އެހެންމެ ވަދުގައި ގަންނަ ބާވަތްތަކުގެ މަހަށް ވެސް ގިނައިން ޕްލާސްޓިކު ކޮތަޅު ކެވިފައި ހުންނަ ކަމަށް މަސްވެރިކަމުގައި ހަރަކާތްތެރި ވާފަރާތް ތަކުން ބުނެއެވެ. އަދި އެފަދަ އެތަކެއް ފޮޓޯތައް ސޯސަލް މީޑިޔާގައި ވެސް ދައުރުވެއެވެ. އާންމު ފޮޓޯތަކުންނާއި ވީޑިއޯތަކުން މިހާރު ފެންނަ މަންޒަރަކީ ކަނޑަށއ އެޅޭ ކުނިން ލިބޭ ގެއްލުމުގެ ވީޑިއޯ އަކީ ވެލަޔާއި ކަހަނބު ފަދަތަކެތި ޕްލާސްޓިކު ދަލުގެ ދަންތޫރާގައި ޖެހިފައިވާ މަންޒަރުތަކެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ޕްލާސްޓިކު އެއްކުރަނީކީ ހަމައެކަނި މަސްދޯނި ފަހަރަކުން ނޫނެވެ. ބިމުގެގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޖެހިގެން އޮންނަ ގަމު ކައުންސިލުން އެއްކުރާ ޕްލާސްޓިކު ވެސް ގެންނަނީ މާންދުއަށެވެ. އަދި ސްކޫލް ތަކުގައި އުފެދޭ ޕްލާސްޓިކު ވެސް ގެންނަނީ މާންދުއަށް ގެންދެއެވެ.

ޕްލާސްޓިކާ ދެކޮޅަށް މިހާރު މާންދޫގައި ހިންގާ އެއް ޕްރޮގްރާމްއަކީ ' ޕްލާސްޓިކު ފުރީ ލާމް" ޕްރޮގުރާމެވެ. މިޕްރޮގުރާމް މިހާރު ހިންގަނީ " ފެއަރ ޓުރޭޑު" ގައި ބައިވެރިވެފައިވާ ދޯނިފަހަރަށެވެ. މި ޕްރޮގްރާމްގެ ދަށުން ދޯނިފަހަރުގައި މިހާރު ދަނީ ވޯޓަރ ޕިއުރިފަޔަރ ބަހައްޓަމުންނެވެ. އަދި ފެންބުއިމަށް އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުން ކުރެވޭ ފުޅި ދޯނިފަހަރަށް ދެމުން ގެންދެއެވެ. މިޕްރޮގުރާމްގައި މަސްވެރިންގެ ޖަމްޢިއްޔާތަކާއި ހޮރައިޒަން ފިޝަރީޒްގެ އިތުރުން ދެން ބައިވެރިވަނީ ބުލޫޔޫ ކޮންސަލްޓިންގއެވެ. މިޕްރޮގުރާމް ގައި ބައިވެރިވާ ޖަމިއްޔާތަކަށް ލިބޭ އާމްދަނީގެ %30 ހަރަދުކުރަން ލާޒިމް ކޮށްފައި ވަނީ ވެސް ތިމާވެއްޓާ ގުޅޭ ކަންކަމުގައެވެ.

ހޮރައިޒަން ފިޝަރީޒް އަކީ އެންވާރަމަންޓު މެނޭޖުމަންޓު ސިސްޓަމް އައި.އެސް.އޯ 14001 ސަޓިފައިޑު ކުންފުންޏެކެވެ. ކުންފުނީގައި ބޭނުންކުރާ ހުރިހާއެއަރކޯނަކާއި ފިނިކުރާ ނިޒާމްތަކުގެ ގޭސް އޯޒޯން ފުރެންޑުލީ ގޭހަށް ބަދަލުކުރުމުން އެންވަޔަރަންމަންޓް މިނިސްޓްރީން އެކަން ފާހަގަ ކުރައްވާފައިވެއެވެ. ކުންފުނިން މައުލޫމާތު ދެއްވާގޮތުގައި މާންދޫ ފިޝަރީޒް ކޮންޕްލެކްސްގައި ބޭނުންކުރާ ހަކަތައިގެ ބޮޑުބައެއް ވަރަށް އަވަހަށް ސޯލާއަށް ބަދަލު ކުރެވޭނެއެވެ.