ކަރީނާ ލައިގެން މިހުރި ހެދުމުގެ އަގު އެނގޭތަ؟

ކަރީނާ ކަޕޫރު ޚާނަކީ ބޮލީވުޑު ތަރިންގެ ތެރެއިން އަދިވެސް އެންމެ ކުރީގައި އުޅޭ ތަރިންގެ ލިސްޓުން ޖާގަ ހޯދަމުންދާ ތަރިއެކެވެ.
އަބަދުވެސް ފެޝަނަށް ލޯބިކުރާ ކަރީނާގެ ކޮންމެ ހެދުމަކަށް އަދި ދަބަހާއި ފައިވާނަށް ވެސް ގިނަ ފޭނުން އަބަދުވެސް ތިބެނީ ބަލަބަލައެވެ.
ދެވަނަ ދަރިފުޅަށް މިހާރު ބަލިވެ އިން ކަރީނާ ބަނޑުބޮޑުވުމުން ވެސް އޭނާގެ ފެޝަން ކަމަކަށް ބަދަލެއް ނާދެއެވެ. އަދިވެސް ފެނިގެން ދަނީ އަގުބޮޑު ބްރޭންޑެޑް އަދި އެހާމެ ރީތި ހެދުން ތަކުންނެވެ.
ދާދި ފަހުން އިންޑިއާގެ އެފްއެމް ޗެނަލަކަށް ޕޮޑްކާސްޓެއް ދިނުމަށް ކަރީނާ ދިޔައިރު ލައިގެން ހުރި ހެދުމަށް ވަނީ ފޭނުންގެ ބޮޑު ސަމާލުކަމެއް ލިޔެފައެވެ.
ދަނބު ކުލައިގެ ޑިޒައިނެއް ހަދާއިފައި ހުރި އޮރެންޖު ކުލައިގެ ހެދުމެއްގައި ކަރީނާ ފެނިގެން ދިޔައީ ވަރަށް ވެސް ސިމްޕަލް މޭކަޕެއްގައެވެ.
ކަރީނާގެ މި އޮރެންޖު ހެދުމަކީ އެމިލީ ލަވްލޮކް ކުޗުއާ ގެ ހެދުމެކެވެ. އަގަކީ 225 ޔޫރޯއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 4,247.22 ރުފިޔާއެވެ.
ކަރީނާ ކަޕޫރު ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2000 ވަނަ އަހަރު އަބީޝޭކް ބައްޗަންއާއެކު ފެނިގެންދިޔަ ސަންޖޭ ގުޕްތާގެ ”ރެފިއުޖީ“ އިންނެވެ. އާންމުކޮށް ފަންނާނުން ބޮލީވުޑަށް ތައާރަފް ވާފަދަ ރޯލްތަކާ ޚިލާފަށް ކަރީނާ ބޮލީވުޑަށް ތައާރަފްވެފައި ވަނީ އާދައިގެ އަންހެނެއްގެ ރޯލުންނެވެ. ނަމަވެސް އެފިލްމުގައި ދެއްކި ހުނަރު ބަލައިގަނެ އާންމުންގެ ހިތްތަކުން އޭނަ ވަނީ ޖާގަ ހޯދާފައެވެ.
މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެން ދިޔަ ކަރީނާ ގެ އެންމެ ހިޓް ފިލްމަކީ ކަރަން ޖޯހަރްގެ ކަބީ ޚުޝީ ކަބީ ގަމް އެވެ. މި ފިލްމުން ކަރީނާ ފެނިގެން ދިޔަ ޕޫ ގެ ރޯލަކީ އަދިވެސް ގިނަ ބަޔަކު ވަރަށް ލޯބިކުރާ ރޯލެކެވެ.