ސައުދީން އައްޔަން ކުރި އާސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިހަށް އަރުވައިފި
ސައުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ އައު ސަފީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.
ސަފީރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާ، ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި، ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ، ވަކިން ޚާއްޞަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީއާ ގުޅޭގޮތުން މި އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑައިލުމަށްފަހު ޙައްޖާއި ޢުމްރާވުމުގެ ފުރުޞަތު ސަޢުދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސް ޞާލިޙު އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ވަކީން ޚާއްޞަކޮށް އިސްލާމީ ދުނިޔެއާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ފޯރަމްތަކުގައި އެ ޤައުމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަ ކުރެއްވިއެވެ. ހަމަ އެއާއެކު، ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުޤުވެރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުން ނިންމަވައިލައްވަމުން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ ސަޢޫދީ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.