ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ނުފެތޭތީ އޭޑީކޭ ކެންޓީނު ބަންދުކޮށްފި
ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ނުފެތޭތީ އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ކެންޓީނު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަންދުކޮށްފިއެވެ.
އޭޑީކޭ ކެންޓީނު ބަންދުކޮށް އެޗްޕީއޭއިން ވަނީ ނޯޓިސް ހަރުކޮށްފައެވެ.
އެ ނޯޓިސްގައި ބުނެފައިވާ ގޮތުގައި ކެންޓީނު ބަންދު ކޮށްފައި ވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކުގެ ގަވައިދާ ހިލާފު ވެފައި ވާތީއެވެ.
އަދި ނޯޓިސް ހިއްޕާފައި ހުރިހާ ހިނދަކު ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ވެސް ނޯޓިސްގައި ވަނީ ބުނެފައެވެ.
ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގައި ހުންނަން ޖެހޭ ކަމަށް ގަވައިދުގައި ބުނާ މިންގަނޑުތަކަށް ނުފެތިގެން މީގެ ކުރިންވެސް ގިނަ ކެފޭ އަދި ރެސްޓޯރެންޓުތަކެއް ބަންދު ކޮށްފައި ވެއެވެ.