ޚަބަރު

ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތިލަފުށީގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ. އަލިފާން ރޯވެގެން އުޅޭ އެއް ދޯންޏަކީ ތެޔޮ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

Ads by MWSC

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ވިލާ ސައިޓުގައި ކަމަށާއި، އެމްއެންޑީއެފަށް އަލިފާން ރޯވެގެން އުޅޭކަން ރިޕޯޓު ކޮށްފައިވަނީ މިއަދު ގާތްގަނޑަކަށް 16:39 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އަލިފާން ރޯވެފައި ވަނީ ތިލަފުށީ ފަޅުގައި އަޅައިފައި އޮތް ދޯންޏެއްގައި ކަމަށާއި، އެ ދޯނީގެ ވާ ކަނޑާލުމާ ގުޅިގެން ދޯނި ފަޅުން ބޭރަށް އޮޔާ ދާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ. ދޯނީގައި އަލިފާން ރޯވީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށާއި، މި ހާދިސާގައި ދިވެއްސަކު ފިހިފައި ވާކަމަށެވެ. އަދި މިހާރު މި މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަލިފާން ރޯވެފައިވާ ދޯނީގެ އަލިފާން ގަނޑު ނިއްވާލުމަށް އެމްއެންޑީއެެފް ގެ ފަޔަރ ލޯންޗުން މިހާރު އަންނަނީ ކަނޑުމަތީގައި ހަރަކާތްތެރި ވަމުންނެވެ.

މި ހާދިސާގައި ދިވެއްސެއްގެ އިތުރުން ބޭރު މީހަކު ވެސް ވަނީ ފިހިފައެވެ. އަދިި ދެމީހުންނަށް ވެސް މިހާރު އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ދެމީހުންގެ ތެރެއިން ވެސް ބޮޑަށް ފިހިފައިވަނީ ދިވެހި މީހާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!