ނޫ އިޤްތިޞާދުގެ ސަޅި ކަމަކީ ބޭރު މީހުންނަށް ޑޮލަރުން މުސާރަ ދިނުމާ މަތީ މަގާމުތައް ދިނުން: ޝުޖާއު
ނޫ އިޤްތިޞާދުގެ ދަށުން ރާއްޖޭގައި ކުރާ ކަމަކީ ބޭރު މީހުންނަށް ޑޮލަރުން މުސާރަ ދިނުމާއި އެމީހުންނަށް މަތީ މަގާމު ދިނުން ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ފެންޝަން އޮފީހުގެ އިސް މަގާމަކަށް ބޭރު މީހަކު ހަމަޖެއްސުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޝުޖާއު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި އެއާޕޯޓު ހިންގަވަން ހުންނެވީ ދިވެއްސެއް ކަމަށާއި ޕެންޝަން އޮފީސް ވެސް ހިންގެވީ ދިވެއްސެއް ކަމަށެވެ. އަދި އެބޭފުޅާ ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށާއި، ނޫ އިގްތިސާދުގެ ސަޅި ކަމަކީ ބޭރު މީހުންނަށް ޑޮލަރުން މުސާރަ ދިނުމާއި، މަތީ މަގާމުތައް ވެސް ބޭރު މީހުންނަށް ލިބިގެން ދިއުން ކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ އެ މަގާމަށް ބޭރު މީހަކު ހަމަޖެއްސުމުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އަދި އެ ވަޒީފާ އަދާކުރެވޭނެ އެތައް ދިވެހިންނަށް އެބަތިބި ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޕެންޝަން އޮފީހުން ބުނެފައި ވަނީ އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އިތުރުން ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާ ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.
އަދި އޭނާ އަކީ ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށް ވެސް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.