މަސްތުވާތަކެއްޗާއެކު ފީއަލީ ސްކޫލުގެ ޓީޗަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ފ. ފީއަލީ ސްކޫލުގެ ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ. ފީއަލިން ފުރަން ބޯޓަކަށް އަރައި ހުރި މީހަކު ހުއްޓުވައި އޭނާ ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރި އިރު،މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ އެރަށު ސްކޫލްގައި ދިވެހި ކިޔަވަދޭ ޓީޗަރެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނު 6:45 ހާއިރު އެރަށުންނެވެ.
'ދެން" އަށް މައުލޫމާތުދެމުން ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވީ، ހައްޔަރު ކޮށްފައި ވަނީ އެރަށު ސްކޫލުގައި ދިވެހި މާއްދާ ކިޔަވައިދޭ އެރަށަށް އުފަން މީހެއް ކަމަށެވެ. އަދި ފުލުހުން ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާ ނިލަންދޫ އަށް ގެންގޮސްފައެވެ.