ޚަބަރު

ކޮވިޑްގެ އާ ވޭރިއަންޓް ފްރާންސުން ވެސް ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑްގެ އާ ވޭރިއަންޓް ފްރާންސުން ވެސް ފެނިއްޖެއެވެ.

Ads by MWSC

ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނީ އާ ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ ޑިސެމްބަރު 19 ވަނަ ދުވަހު ލަންޑަނުން ދިޔަ މީހެއް ކަމަށެވެ. އެ މީހާ ޕޮޒިޓިވް ވެފައި ވަނީ ޑިސެމްބަރު 21 ގައެވެ. ފްރާންސްގެ އެ މީހާ މިހާރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. އާ ވައިރަހަށް ޕޮޒިޓިވްވީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތެކެވެ.

ފްރާންސް އިން ވަނީ ކޮރޯނާ ވައިރަހަށް 2.5 މިލިއަން މީހުން ޕޮޒިޓިވްވެ 62،000 މީހުން މަރުވެފައެވެ. ކޯވިޑްގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެންނަން ފަށާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މިކަމާ ގުޅިގެން އެ ޤައުމު ވަނީ އަނެއްކާ ވެސް ފުރަ ބަންދުކޮށްފައެވެ. މިހާތަނަށް ފެނުނު ކޯވިޑް ވައިރަހަށްވުރެ މި ވައިރަސް ފެތުރޭ މިންވަރު މާ ފަސޭހަވެފައި ހަލުވިކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެ ގައުމުން ވަނީ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުން ދާ ކަމަށް ބުނެފައެވެ.

ދާދި ފަހުން ޖަޕާނުން ވެސް ވަނީ ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައެވެ. ޖަޕާނުން އާ ވޭރިއަންޓް ފެނުމާއެކު މިހާރު ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ޔޫކޭ އިން އަންނަ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމުގެ އިތުރުން އެއާޕޯޓުގައި ކަރަންޓީނު ކުރުން އިތުރަށް ހަރުކަށި ކުރުމަށް ވަނީ ނިންމައިފައެވެ.

ސައުދީގެ ބޯޑަރތައް ވެސް ވަނީ މިކަމާ ގުޅިގެން ބަންދުކޮށްފައެވެ. އެ ޤައުމުގެ ބޯޑަރުތައް އަލުން ބަންދުކޮށްފައި މިވަނީ ޔޫރަފުގައި ކޯވިޑްގެ އައު ވައިރަސް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ސައުދީ ސަރުކާރުން ބުނެފައި ވަނީ މި ނިންމުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މީހުންނަށް އުމްރާއަށް ހުޅުވާލާފައިވާ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި ބަންދުވާނެ ކަމަށެވެ. އަދި އެ ޤައުމުގެ ކަނޑާއި ވައިގެ އިތުރުން އެއްގަމު ހުރިހާ ބޯޑަރެއް ވެސް މިއަދުން ފެށިގެން ދެ ހަފްތާއަށް އަނެއްކާވެސް ބަންދު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!