އެޕަލްއިން ހިލޭ އައިފޯނު ބަހަނީ!
އައި ފޯނެއް އޮތުމަކީ ގިނަ ބަޔަކު ކޮންމެހެން ދަރާ ވިކިގެން ނަމަވެސް ކުރަން ބޭނުންވާ ކަމެކެވެ. ބޮޑު ލޯނެއް ނަގައިގެން ނަމަވެސް ދުވާލަކު އެއްފަހަރު ކައިގެން ނަމަވެސް އައިފޯނެއް އަތުގައި ބާއްވަން ގިނަ ބަޔަކު ބޭނުންވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި އައިފޯން ގަންނަ މީހުން އައިފޯން ގަންނަނީ "ފޮނި" ދައްކާށެވެ. އެހެން ނަމަވެސް އައިފޯން ގެންގުޅޭ މީހުންގެ ވާހަކަތައް ތަފާތެވެ. އެމީހުން އައިފޯން ގަންނަނީ އައިފޯންގެ މޮޅެތި ފީޗަރ ތަކުގެ ސަބަަބުން ކަމަށް އެމީހުން ބުނެއެވެ.
އެޕަލް ކުންފުނިން މިވަނީ ސެކިއުރިޓީ ރިސާރޗާރސް އަށް ހިލޭ އައިފޯން ދިނުމަށް ނިންމާފައެވެ. އައި ފޯން ހިލޭ ލިބޭނީ މަދުވެގެން އަހަރު ދުވަސް ވަންދެން ސެކިއުރިޓީ ރިސާރޗްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
ރިސާޗަރުންނަށް އައިފޯން ދިނުމަށް އެޕަލް އިން އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ ޖުލައި މަހުގައެވެ. އެހެން ނަމަވެސް އެކަން އެ ދުވަސްވަރު ހުއްޓުމަށްފަހު އަހަރުގެ ނިމުމަކާ ހަމައަށް އައިސްފައި ވަނިކޮށް އެޕަލް އިން މިވަނީ އަނެއްކާ ވެސް ރިސާޗަރުންނަށް މި ފުރުސަތު ހުޅުވާލައި އައިފޯން ރިސާޗަރުންނަށް ބަހަން ފަށާފައެވެ.
އެޕަލް އިން މިކަން ކުރަން ނިންމީ އެ ކުންފުނީގެ ޕްރޮޑަކްޓް ތަކުގެ ސައްހަކަން ވީހާ ވެސް ބޮޑަކަށް ޔަގީން ކުރުމަށެވެ. އެ ރިސާޗަރުންގެ ތެރެއިން އެޕަލްގެ ޕްރޮޑަކްޓަކުން ސައްހަ ނޫން ކަމެއް ފާހަގަ ކޮށް ސާބިތު ކޮށްދީފި މީހަކަށް އެޕަލްގެ "އެޕަލްސް ބަގް ބައުންޓީ" ޕްރޮގްރާމްގެ ދަށުން އަގުބޮޑު ހަދިޔާއެއް ލިބިގެން ދާނެއެވެ.
އެގޮތުން ފާހަގަ ކުރާ ކަމަކަށް ރިއާޔަތް ކޮށް އެ ރިސާޗަރަކަށް 1.5 މިލިއަން ޑޮލަރާ ހަމައަށް އިނާމުތައް ދެވޭނެ ކަމަށް އެޕަލް އިން ބުނެއެވެ. މީގެ ކުރިން މި އަހަރުގެ ޖޫން މަހުގައި އެޕަލް އިން ވަނީ އެ ކުންފުނީގެ ޕްރޮޑަކްޓަކުން ސައްހަނޫން ކަމެއް ސާބިތު ކޮށްދިނުމުގެ ސަބަބުން އިންޑިއާގެ ޑިވަލޮޕަރެއް ކަމުގައިވާ ބަވުކް ޖާންއަށް އެއް ލައްކަ ޔޫއެސް ޑޮލަރު ހަދިޔާ ކޮށްފައެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ސެކިއުރިޓީ ރިސާޗަރުންނަށް އައިފޯން ހިލޭ ލިބުމަށް އަދި އަގުހުރި ފައިސާގެ އިނާމެއް ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.