ރިޕޯޓް ކޮލަމް

ދިވެހިން މިއަދު މިނިވަނީ އެއްފަޅިންނެވެ. އަނެއްފަޅި އޮތީ ވާވެފައެވެ.

ކައުޘަރު އަޙްމަދު ލަޠީފް (ދުންމާރި) ، ދެން އޮންލައިން

ދިވެހިންގެ އެއްބައިވަންތަކަމާއި މެހެމާންދާރީގެ ރަނގަޅު ވާހަކައަކީ ދުނިޔެއަށް އާ ވާހަކަތަކެއް ނޫނެވެ. އަދި މި ދެސިފައަކީ ޒަމާނުއްސުރެ ދިވެހިންގެ ކަށީގައި ހިފާފައިވާ ވަރަށް ރީތި ދެއާދައެކެވެ. އެހެނަސް ޒަމާނަށް އަންނަ ބަދަލުތަކާއި  ތަރައްގީގެ އޮއިވަރުގައި ދިވެހިރާއްޖެ ފަލި ޖަހަމުން ދާއިރު، ދިވެހިންގެ ހާލުގެ ދުލުން އަދުގެ ހާލަތު ކިޔައިދޭން އެބަޖެހެއެވެ.

ދިވެހިންނަކީ ނިސްބަތުން ފުދުންތެރި ބައެކޭ ބައެއްމީހުން ބުނަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ގިނަގިނައިން ކަރަކަރައަށް ދަތުރުކުރާތީ ކަންނޭނގެއެވެ. ނޫނީ އިގްތިޞާދުގެ ބޮޑުބައެއް ޑޮލަރަށް ކިރޭތީކަން ވެސް ނޭނގެއެވެ. ނޫނީ މާލޭގެ ރަބަރު ބިމަށް ، ޖުމުލަކޮށް ރާއްޖެތެރޭ ގޭބިސީއެއްގެ ބޮލަކަށް ލިބޭ އާމްދަނީ އިތުރުވީމަ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް، ކަމުގެ ހަގީގަތް އޮތީ ވެއްޔާ މޮޑެވިފައެވެ.

ދިވެހި މަސްވެރިން ބާނާ މަހުގެ އަގެއް ނެތެވެ. އެ މަސްކޮޅު ގަނެގެން އެއަށް ފައިސާ ދޭންވީމާ ބޮޑާހާކާފައި ދައްކާ ބަހަނާއިން އެނގެނީ ކޮންމެވެސް ގޯހެއް އުޅޭކަމެވެ. ދަނޑުވެރިން ހައްދާ އެއްޗެއް ގަންނާނެ ފައިސާއެއް ރިސޯޓްތަކުގައި ނުހުރެއެވެ. ވިޔަފާރިވެރިން އަތަކު ވެސް ނެތެވެ. ހުރިހާ އެއްޗެއް އެތެރެ ކުރަނީއެވެ. އިޒްރޭލު ފަޅޯއިން ފެށިގެން ގޮސް އެފްރިކާ މިރުހާއި އިންޑިއާ ކޭލެވެ. މިކަންކަން ބަލައި ހަރުދަނާ ކުރާނެ ވެރިއެއް އަދަކު މިގައުމަކު ނެތެވެ.

ޑޮލަރު ހާލީގައި ބިސްއަޅަނީ ފަރަންޖީ ކުކުޅެއް ވެސް ނޫނެވެ. ފަރަންޖީ ބިޔަ ބޮޑެތި ހާލެވެ. ދިވެހިންނަށް އެއިން ލިބޭ މާބޮޑު މަންފާއެއް ނެތެވެ. ވަޒީފާގައި އޮންނަ ތަފާތުކުރުންތަކުގެ ވާހަކައަކީ އަބަދުވެސް ބީރުން ގާތު ދައްކާ ވާހަކަތަކެކެވެ. މުސާރައިގެ ތަފާތު އެހާމެ ބޮޑެވެ. ހާއްޔަށް ލިބޭ ޑޮލަރުކޮޅު ކަރަކަރައަށް އެތިބަ ކަހާލަނީ ރޯމާދުވާލުއެވެ. ދިވެހި ދައުލަތަށް ދޭންޖެހޭ އެއްޗެއް ލިބޭތަނެއް ނިކަމެތި ރައްޔިތުމީހާއަށް ނުފެނެއެވެ. ނުވިތާކަށް ރިސޯޓުން ކަނޑާފައި އެއްލާލުން އެއީ އަދި މާފަސޭހަ ކަމެކެވެ. ދިވެހި ފަސްގަނޑުގައި ދިވެހިން މިއަދު މިވަނީ ބީރައްޓެހިވެ މަގުމަތިއަޅާފައެވެ.

ތަޢުލީމީ ޒުވާނުންނޭ ގޮވާއަޑު ގަދަވަނީ ފޯވަހިތަކަށެވެ. ފަސްއަހަރުން އެއް އަހަރެވެ. ބައެއް ފަހަރު ދިހައަހަރު ފަހުން އިނާމުދޭ ދުވަހު ވެސް އެހެނޭ ކިޔައެވެ. ނަމަވެސް ތައުލީމީ ޒުވާނުން ގައުމައިގެން އުޅޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ތަޢުލީމެއް ހުރި މީހަކަށް މިގައުމަކު ފަހި ފުރުސަތެއް ނޯވެއެވެ. މިގައުމުގައި ޝަރަފާއި ޢިއްޒަތާއި ގަދަރު ދެވެނީ އަޑުގަދަ މީހާއަށެވެ. މަގުމަތީގައި ނުތާހިރު އެއްޗެހި ގޮވާ މީހުންނަށެވެ. ގިނަކަންކަން ނިމިގެން ދަނީ ހަވާސާއިން ބޭރުންކަން އެންމެން ވެސް ދަނެއެވެ.

ކަންކަން އިސްލާހު ކުރާ ވާހަކަ ދައްކަން ފެށުމުގެ ކުރިން ކަމުގެ އަސްލަށް ރުޖޫޢަވަމާ ހިނގާށެވެ. އިންސާނާ މުޖުތަމަޢުގައި މަގާމެއް ހާސިލް ކުރުމަށް ޓަކައި ޢިލްމާއި ޙިލްމަކީ އެއް ތަރާދަކުން ކިރަން ޖެހޭ ދޭއްޗެވެ. ޢިލްމު ހުރެމެ ޙިލްމު ނެތިއްޔާ އޭނާގެ ފަރާތުން ފެންނާނީ ހޮއިކަމެވެ. މާބޮޑު އުރަތްޕެއް ނުހުންނާނެއެވެ. ހަމައެކަނި ޙިލްމު ހުއްޓަސް ވާނީ މިވަރެވެ. ކަމެއް ރަނގަޅަށް ކުރާކަށް ނޭނގޭނެއެވެ. އިސްލާހުކުރާކަށް ނޭނގޭނެއެވެ. ހަގީގަތުގައި މައްސަލަ ފެށިގެން އަންނަނީ ރައްޔިތުމީހާއާ ހިސާބުންނެވެ. މި މައްސަލައަށް ހައްލެއް އޮތީ ގާނޫނު ހަދާ މަޖިލީހަށް ކޮހުން ހޮވުން ހުއްޓިގެންނެވެ. ވަލިއްޔުލްއަމްރަށް ޝަރީޢަތް ދަންނަ މީހަކު އަރައިގެންނެވެ. ފަނޑިޔާރުންނަށް ދެފުއްކެހެރިން ނެތް ދުވަހަކުންނެވެ. ސަނަދުގެ ބަދަލުގައި ޢިލްމާއި ޙިލްމު ހޯދުމަށް ކިޔަވައިގެންނެވެ. އެދުންވެރިކަމުގެ ބަދަލުގައި ރަނގަޅު ޖީލެއް ބިނާކުރުމަށް ކައިވެނިކުރަން ފެށި ދުވަހަކުންނެވެ. އަލިފު ހާ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!