ޚަބަރު

ނައިފަރު ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރު ކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ.ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ފަށައިފިއެވެ.

Ads by Sosun Fihaara

ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި ނައިފަރު ކައުންސިލްގެ ރައީސާ އަލްފާޟިލާ ވިދާދު އަބްދުﷲ އެވެ.

މި ރަސްމީޔާތުގައި އެމްޑަބްލިޔުއެސްސީ ގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މިމަޝްރޫޢުއަކީ މީގެ ކުރިން އެހެން ފަރާތަކާއި ހަވާލު ކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. އެގޮތުން މި މަޝްރޫޢުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލު ކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައި ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯރކްގެ ނުނިމިވާ 3 ކިލޯ މީޓަރގެ ފެން ހޮޅި އެޅުމާއި، އާރް.އޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރް.އޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމިހުރި މަސައްކަތާއި، ފެން ރައްކާ ކުރުމަށް ބެހެއްޓިފައިވާ ތާންގިތަކުގެ ނުނިމިހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރު ކޮށްދެވިގެން ދާނެއެވެ. މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯރކް ޤާއިމްކުރުމާއި، 360 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި، 1 ސީ އައުޓް ފޯލް ޤާއިމްކުރުމާއި، ވޭލް ޗެމްބަރ ބެހެއްޓުމުގެ މަސައްކަތާއި އެސް.ޓީ.ޕީ ބިލްޑިންގ ގެ ނުނިމި ހުރި މަސައްކަތާއި އެސް.ޓީ.ޕީ ގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނޭ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މީގެއިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ވެސް މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދެވިގެން ދާނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ ފަސް މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!