ކޮވިޑް ގެ އާ ވޭރިއަންޓް އިޓަލީން ވެސް ފެނިއްޖެ
އިނގިރޭސިވިލާތުގައި މިހާރު ފެތުރިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް އިޓަލީން ވެސް ފެނިއްޖެއެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން މިމަހުގެ 20 ވަނަ ދުވަހު އިއުލާނު ކޮށްފައިވާ ގޮތުގައި އޭގެ ދުވަސްކޮޅެއް ކުރިން އިނގިރޭސިވިލާތުން އެޤައުމަށް ދަތުރުކުރި މީހެއްގެ ގައިން ވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓް ފެނިފައެވެ.
އެމިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮވިޑް ގެ އާ ވޭރިއަންޓް އަށް ފައްސިވީ އެމީހާ، އިނގިރޭސިވިލާތުން އައި ފްލައިޓާއި، އެފްލައިޓު ޖެއްސި ފިއުމިޝިނޯ އެއާޕޯޓު މިހާރު ވަނީ އައިސޮލޭޓް ކޮށްފައެވެ. އެއާއެކު އެމީހާގެ އާއިލާ މީހުންނާއި ގާތް މީހުން ވެސް އަދި ފާއިތުވީ ދުވަސްތަކުގައި އެމީހާއާއި ބައްދަލުވި މީހުން ވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައި ކަމަށް އިޓަލީގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި ކޮވިޑް ގެ މި އާ ވޭރިއަންޓް އިނގިރޭސިވިލާތުން ފެނިފައިވާތާ މިހާރު މަސްތަކެއް ވެއްޖެއެވެ. މިއީ އާއްމުކޮށް ފެތުރިފައިވާ ކޮވިޑަށްވުރެ މާ ހަލުވިކަމާއެކު ފެތުރޭ ވައްތަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން އާދައިގެ ކޮވިޑް-19 އަށްވުރެ 70% އިތުރަށް މިބަލި ފެތުރޭ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.