ދުނިޔެ

ވެކްސިން ދޭ ގޮތާ މެދު ބައިޑަން ފާޑު ވިދާޅުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ކަމުގައި އަދި ހުންނެވި ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ކޮވިޑް-19 އަށް ވެކްސިން ދެމުންދާ ގޮތާމެދު އެޤައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ފާޑު ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޓްރަމްޕްގެ ސަރުކާރުން ވަނީ މިއަހަރު ނިމުމުގެ ކުރިން އެ ޤައުމުގެ 20 މިލިއަން ރައްޔިތުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިން ދޭނެކަމަށް ބުނެފައެވެ.

ނަމަވެސް އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ވެކްސިން ދީފައި ވަނީ އެންމެ 2.1 މިލިއަން މީހުންނަށެވެ. ސަރުކާރުން ބުނެފައިވާ އެއްޗަކަށް ރިޢާޔަތްކޮށް އެމެރިކާގެ ހެލްތު ސެކެޓްރީގެ ނައިބު، އެޑްމިރަލް ބްރެޓް ގިރޮއާ ވިދާޅުވީ 20 މިލިއަން ވެކްސިން ދިނުމަށް އެންމެ މަދުވެގެން ވެސް އިތުރު ދިހަ ދުވަސް ނަގާނެ ކަމަށެވެ.

ވިލްމިންޓަން ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް ބައިޑަން ވިދާޅުވީ އެމެރިކާގައި ވެކްސިން ދިނުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާ ކަމަށާއި މިހާރު ވެކްސިން ދެމުންދާ ދުވެލީގައި ވެކްސިން ދޭނަމަ ހުރިހާ ރައްޔިތުންނަށް ވެކްސިންދޭން އެތައް އަހަރަށް ނަގާނެ ކަމަށެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ. އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާގެ ރައްޔިތުންނަށް ދޭނެކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!