ޚަބަރު

އަނަސް ގެ މަރުގެ ދައުވާ ލިބުނު ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލިޓަސް ޝޯރޫމް ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ، މުޙައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވީ ލިބުނު ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

2017ވަނަ އަހަރުގެ ޖުލައި މަހު ހިނގި މިހާދިސާގައި، ދައުލައުން ދައުވާ ކުރީ އެއިރު އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. އޭނާގެ އުމުރުން މިހާރު 20 އަހަރު ފުރިފައިވީ ނަމަވެސް ދައުވާ ކުރިއިރު ޝަރުޢީ ގޮތުން އޭނާއަކީ ކުޑަކުއްޖަކަށް ވާތީ، އޭނާގެ މައުލޫމާތު ޚަބަރުގައި ހިމަނާފައި ނުވާނެއެވެ. އެއީ ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު ހާމަ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މައުލޫމާތު ދެމުން ވިދާޅުވީ، ދައުވާ ކޮށްފައިވާ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު، އަނަސްއަށް ހަމަލާދިނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ބުނެފައި ވުމުގެ އިތުރަށް އެ ހާދިސާ ހިނގި ދުވަހު އެ ކުއްޖާ އޭނާގެ ރަހުމަތްތެރިންތަކަކާ އެކު ހުޅުމާލެ ދިއުމަށް ފަހު އެރޭ މެންދަމާ ހަމައަށް ގޭގައި ތިބި ކަމަށް އެ ކުއްޖާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ބުނެފައިވާތީ ކަމަށެވެ.

މީގެއިތުރުން އޮފިޝަލު ވިދާޅުވީ، އަނަސް އަށް ހަމަލާދިން މީހާއާއި އެކުއްޖާއާ އެއްގޮތް ކަމެއް ހުރިކަމަށް ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ބުނެފައިވިޔަސް އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާ ވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އަނަސް އަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާ ކޮށްފައިވާ ކުއްޖާ ހުރި ކަމާމެދު ޝައްކު އުފެދޭ ކަމަށް ވެސް ހުކުމްގައި ބުނެފައިވާ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓުގައި އެމައްސަލަ ބަލަމުން ދެއެވެ. ނަމަވެސް އެމައްސަލަ އަދި ނިމުމަކާ ގާތަށް ވެސް ނުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!