ރަންވީރަށް ފަސޭހައިން ރޮވޭތީ ދީޕިކާއަށް ވަރަށް ކަމުދޭ
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ޖޯޑެކެވެ. ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، އިޓަލީ ގައެވެ.
އޮން-ސްކްރީނުންނާއި އޮފް-ސްރީނުން ވެސް ވަރަށް ފުރިހަމަ ކެމިސްޓްރީއެއް ދެމީހުންގެ މެދުގައި އަބަދުވެސް ދައްކުވައިދެމުުން އަންނަ ދީޕިކާ އާއި ރަންވީރާ ބެހޭ ގޮތުން އިތުރަށް އެތައް ކަމެއް އަބަދުވެސް އެމީހުންގެ ފޭނުން އެނގެން ބޭނުންވެއެވެ.
އޭގެތެރެއިން ފޭނުން އެނގެން ބޭނުންވާ އެއް ކަމަކީ، ރަންވީރް އާއި ބެހޭގޮތުން ދީޕިކާ އެންމެ ލޯބިވަނީ އަދި ފޫހި ވަނީ ކޮންކަންތައް ތަކެއްތޯއެވެ. އެދެތަރިންގެ ކައިވެނީގެ ކުރިން "ކޮފީ ވިތު ކަރަން" ގެ ސީޒަން 6 ގެ ފުރަތަމަ އެޕިސޯޑުގައި ދީޕިކާ ވަނީ އެސުވާލުތަކަށް ވަރަށް ތަފާތު ޖަވާބެއް ދީފައެވެ.
އެގޮތުން ދީޕިކާ ބުނީ ރަންވީރް ގެ ހުންނަ އޭނައަށް އެންމެ ކަމުނުދާ އެއް ސިފައަކީ މާގިނައިން ނިދުން ކަމުގައެވެ. އަދި އޭގެ އިތުރުން ހެދުން އެޅުމުގައި ތަފާތު ގޮތްގަނޑެއް އަބަދުވެސް ގެންގުޅެމުން އަންނަ ރަންވީރް، ހެދުން އެޅުން އަޅާ ގޮތާމެދު ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް އެކަންތަކަށް އެހާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ވެސް ދީޕިކާ ބުންޏެވެ.
ރަންވީރް ގެ ހުންނަ އެންމެ ކަމުދާ ސިފަތަކަކީ ކޮބައިތޯ އެހުމުން ދީޕިކާ ބުނީ، ރަންވީރަކީ އޭނާގެ އިހުސާސުތައް ވަރަށް ފަސޭހަ ކަމާއެކީ ބަޔާން ކުރަން ކެރޭ މީހެއް ކަމަށާއި، އެގޮތުން އޭނައަކީ ވަރަށް ފަސޭހައިން ރޮވޭ ވެސް މީހަކަށްވާތީ، އެސިފަ ދީޕިކާ އަށް ވަރަށް ކަމުދާ ކަމަށެވެ. މީގެއިތުރުން ރަންވީރަކީ ވަަރަށް އޯގާތެރި، މަޖާ އަދި މީހުންނަށް ވަރަށް އެހީތެރި މީހެއްކަން ވެސް ދީޕިކާ ފާހަގަ ކުރެއެވެ.
"މީހުން ގިނައިން ބުނަނީ ރަންވީރް ގެ އެނާޖީ ގެ ވާހަކަ އެކަނި. އެކަމަކު އޭނަގެ ކިބައިގައި އެއަށްވުރެ މާބައިވަރު ރަނގަޅު ސިފަތައް އެބަހުރި" ދީޕިކާ ބުނެފައިވެއެވެ.