ޚަބަރު

ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް އެމްޑަބްލިޔުއެސްސީން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ.ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު ފަށައިފިއެވެ.

Ads by MWSC

މިކަމަށްޓަކައި ވޭމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ހަސަން ޝާހުގެ އިތުރުން އެކުންފުނީގެ ބައެއް އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

އެމްޑަބްލިޔުއެސްސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކުގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކު ގާއިމް ކުރުމާއި، 98 މީޓަރުގެ ޕަންޕިން ލައިން އެޅުމުގެ އިތުރުން، ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯމެކޭނިކަލް މަސައްކަތާއި، އެއް ސީ އައުޓްފޯލް ގާއިމް ކުރުމާއި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި، އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި، އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ކުރުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދީފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލު ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު 26 ގައި ހަތަރު މަސްދުވަހުގެ ނިޔަލަށެވެ.

އެމްޑަބްލިޔުއެސްސީން ބުނެފައި ވަނީ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!