ދީން

ހިތެއް އޮތް މީހެއް ނަމަ ބިރުން ފިއްކަނޑައިގެންދާ ވަރުގެ ނުރައްކާތެރި ، އާންމު ފާފައެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

الله ތަޢާލާ ވިޔަފާރި ހުއްދަ ކުރެއްވި ފަދައިން ޙަރާމް ކުރެއްވި ރިބާގެ ދަލުގައި ޖެހި އެތައްއެތައް ބަޔަކު ވަނީ ބަނގުރޫޓްވެ ހަލާކުވެފައެވެ. މުޅި މާލީ ނިޒާމާއި އެ ނިޒާމުގެ ގިނަ ހަރަކާތްތަކެއްގައި ރިބާ އެކުލެވި އޭގެ މަޅީން ސަލާމަތް ނުވެ އެތައް ބައެއްގެ ގެދޮރު ނީލަން ކިޔާ މަގުމަތި ވެފައި އެބަވެއެވެ.

Ads by Hajj Corporation

ދަންނާށެވެ! އިސްލާމީ ދުސްތޫރަކީ އެ ފަދަ ދެވަނައެއް ނެތް ދުސްތޫރެއް ކަމުން ، މީސްތަކުންގެ މެދުގައި ފަސާދައާ ހަމަނުޖެހުން ހިނގައި ، މާރާމާރީއާ ލޭ އޮހޮރުމަށް މަގު ކޮށައިދޭ މި ފަދަ އަމަލެެއް ޔަގީނުން ވެސް ހުއްދަ ވެގެން ނުވާނެއެވެ. އަދި ކިއެއް! ހިތެއް އޮތް މީހަކު މި ފާފައިގެ ނުރައްކާތެރިކަމާ މެދު ވިސްނައިލައިފި ނަމަ ބިރުން ފިއްކަނޑައިގެން ދާނެއެވެ.

ވިދާޅުވެލައްވާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. الرِّبَا ثلاَثة وَسَبْعُونَ بَاباً أيْسَرُهَا مِثلَ أنْ يَنكِحَ الرَّجْلُ أمَّه(رواه الحاكم في المستدرك وصححه الألباني) މާނައަކީ: ”ހަތްދިހަ ތިން ވައްތަރަކަށް ރިބާ ބެހިގެން ވެއެވެ. އޭގެ ތެރެއިން، ފާފަ އެންމެ ކުޑަ ވައްތަރަކީ، މީހަކު އޭނާގެ މަންމައާ ކާވެނި ކުރުން ފަދަ ނުބައިކަން ބޮޑު ކަމެކެވެ.”

ސުބުހާނަاللهއެވެ. މަންމައާ ކައިވެނި ކުރުން ފަދަ ނުބައި ކަމެއް ކަމަށް ، ރިބާގެ އެންމެ ކުޑަ މިންވަރުވާއިރު ރިބާގެ އެހެން މިންވަރުތަކާ މެދު ވިސްނައިލުން ހުއްޓެވެ!

ރިބާގެ ނުރައްކާތެރިކަން އަދި ނިމުނީކީ ނޫނެވެ. ޒިނޭ ކުރުމާއި ވައްކަން ކުރުމާއި މިފަދަ ބޮޑެތި ފާފަތަކާ ގުޅޭ ގޮތުން ވެސް އެ ފާފައެއް ކުރާ ބަޔަކާ ދެކޮޅަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނގުރާމަ އިޢުލާނު ކުރައްވައިފައެއް ނުވެއެވެ. އެހެން ނަމަވެސް ރިބާ ކެއުން ހުއްޓައި ނުލައިފި ބައެއްގެ މައްޗަށް ﷲއާއި ރަސޫލާ ހަނގުރާމަ އިޢްލާން ކުރައްވައިފައިވެއެވެ. އަހަރެމެންގެ މައްޗަށް ﷲއާއި ރަސޫލާގެ ހަނގުރާމަ އިޢްލާން ކުރެވުމަކީ، ހިތެއް އޮތް ކޮންމެ މީހަކު ބިރުން ފިއްކަނޑައިގެން ދާން ޖެހޭ ވަރުގެ ކަމެކެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ (البقرة 278) “އަދި ތިޔަބައިމީހުން ރިބާ ދޫނުކުރަންޏާ ދެން ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެކަމަށް ބިރުވެތި ވާހުށިކަމެވެ.”

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންނަށް ސަލާމަތާއި ރައްކާތެރިކަން ލިބެން އޮތީ ހަމައެކަނި الله ތަޢާލާގެ ހަޟްރަތުންނެވެ. ވީއިރު އަމުދުން ޢަޒާބު ދެއްވުމުގައި ގަދަފަދަ އެއިލާހާ ހަނގުރާމަ ކޮށްގެން ، ދެދުނިޔޭގެ ހަލާކާއި އަބާއްޖަވެރިކަން ނޫނީ ނުލިބޭ ހުއްޓެވެ.

ޔާ ރަޙީމް! ޔާ ރަޙްމާން! ރިބާއާ އަޅަމެން ދުރުކުރައްވާން ދޭވެއެވެ! އިބަ اللهގެ ކޯފާއާ ޢަޒާބު ގަދަފަދަ ވެގެންވެއެވެ. އަޅަމެންނީ އެ ޢަޒާބުގެ ޙައްޤުވެރީން ކަމުގައި ނުލައްވާށިއެވެ!

  1. ޢިޝާ

    ހިތާމައަކީ މިދިވެހިރާއްޖޭގަ ރިބާ އަކީ ހުއްދަ ކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ވެފައިވާކަން. 100% މުސްލިމް ޤައުމެއްގަ މިކަން ހުއްޓުވަން ބަޔަކު އަތުކުރި އޮޅާލައިގެން ނިކުންނަށް ނުވަނީތޯ؟

  2. އަހުމަދު

    ރިބާ ޢައުޓް އިންޑިއާގެކުރިން