ލައިފްސްޓައިލް ޓެކްނޮލޮޖީ

ޓެލެގްރާމުން ވަޓްސްއެޕަށް ޖޯކު ޖަހައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވަޓްސްއެޕުން އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ޓެލެގްރާމުން ވަޓްސްއެޕަށް ޖޯކު ޖަހައިފިއެވެ.

Ads by MWSC

އަބަދުވެސް ވަރަށް ވާދަވެރިކޮށް ފާހަގަވެފައިވާ ޓެލެގްރާމުން ވަޓްސްއެޕަށް ޖޯކު ޖަހާފައިވަނީ "މީމް" އެއް ޓްވީޓު ކޮށްގެންނެވެ. މި މީމް އިން ފެނިގެން ދަނީ ވަޓްސްއެޕްގެ އައު އުސޫލުތަކުގެ ސްކްރީންޝޮޓަކާއެކު، ސަންދޯއް ހިފައިގެން ނަށަމުންދާ ތަނެވެ.

ޓެލެގްރާމުން ޖެހި މި ޖޯކު ގިނަ ބަޔަކަށް ވަނީ ވަރަށް ކަމުގޮސްފައެވެ.

ވަޓްސްއެޕުން އަލަށް އަމަލުކުރަން ފަށާ އުސޫލުގައި ފޭސްބުކުގެ ދަށުން ހިންވާ ވަޓްސްއެޕުން އެ ބޭނުންކުރާ މީހުންގެ ޒާތީ ބައެއް މައުލޫމާތު ފޭސްބުކާ ހިއްސާކުރަން މަޖުބޫރުކުރުވައެވެ. އެހެން ނޫން ކަމަށްވާ ނަމަ ވަޓްސްއެޕް ބޭނުން ނުކުރެވޭނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޭޓާ ހިއްސާކުރުމާ ގުޅޭ ގޮތުން ވަޓްސްއެޕުން އަލަށް އަމަލުކުރަން ފަށާ އާ އުސޫލަށް އަންނަ މަހުގެ 8 ގެ ކުރިން އެ ބޭނުންކުރާ މީހުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ އެވެ. އެކަމުގެ ނޮޓިފިކޭޝަން ވެސް މިހާރު ވަނީ ލިބެން ފަށައިފަ އެވެ.

އާ އުސޫލުގެ ދަށުން، ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަމްބަރު ފަދަ ޒާތީ މުހިއްމު މައުލޫމާތުތައް ފޭސްބުކަށް ދޭންޖެހޭނެ އެވެ. މީގެ އިތުރުން ބޭނުންކުރާ ޑިވައިސްއާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޑިވައިސްގެ ބެޓެރީ ލެވެލް، ސިގްނަލް ސްޓްރެންތު، އެޕް ވާޝަން، ބްރައުޒާ އިންފޯ، މޮބައިލް ނެޓްވޯކް، ކަނެކްޝަނާ ބެހޭ މައުލޫމާތު (ފޯނު ނަމްބަރު، މޮބައިލް އޮޕަރޭޓަރު/އައިސްޕީ)، ބަހުރުވަ، ޓައިމް ޒޯން، އައިޕީ އެޑްރެސް ޑިވައިސް އޮޕަރޭޝަނާ މައުލޫމާތު ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!