ރިޕޯޓް

2020: ސަރުކާރުގެ ހުރިހާ ހަކަތައެއް ކޮވިޑަށް

އަލީ ޝިފާޒް ، ދެން އޮންލައިން

ވިހިވިހި ވެގެން ގޮސްފައިވަނީ ސިއްޙީ ބަލިމަޑުކަމެއްގެ ތެރެއަށް މުޅި ދުނިޔެ ވެއްޓި، ހާސްކަމާއި ކަންބޮޑުވުމާއި، ނަފުސާނީ ބަލިމަޑުކަމުގެ އަހަރަކަށެވެ. ބަވަނަވަމުން ދާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި އެބަޔަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު އިންސަންތައެއް ބަރޯސާވެފައިވާ ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި، ކޮވިޑް-19 ބަލި ވަނީ ދުނިޔޭގެ އެތައް ގައުމެއް އެ ބަލީގެ ހާއްޔަކަށް ހަދާފައެވެ. އެތައް ބައެއް އެ ބަލީގެ ޝިކާރައަކަށްވެ މަރުވެފައިވާއިރުގައި، އަދިވެސް ދުނިޔެ ދަނީ އެ ބައްޔާއި ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.

ވޫހާ ސިޓީއިން އުފަންވި ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކަށް އެ ބަލި ފެތުރެން ނެގީ މަދު ވަގުތުކޮޅަކަށެވެ. "ދޮން މީހުންނަށް" ބަރޯސާވެ އެމީހުން އަޅާ ރަންބިސްތަކުން އިގުތިސާދު ހިންގާ، ނަގާ ކޮޅަށް ޖަހަމުންދާ މި ކުޑަކުޑަ ރާއްޖެއަށް އެ ބަލި އަތުވެދާނެ ކަމުގެ ހުރިހާ ސަބަބުތަކެއް ފެންނަން ހުރުމުން ސަރުކާރުން އަވަސްވެ ގަތީ އެ ހާލަތަށް ގައުމު ތައްޔާރުކުރުމެވެ. އެގޮތުން އެންމެ ނުރައްކާތެރި ހާލަތުގައިވެސް އަމަލުކުރަން ޖެހޭ އުސޫލުތައް ހަދާ ދުނިޔޭގެ ހެލްތް އިދާރާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފަޔާއި އިރުޝާދުގެ ދަށުން ބޭނުންވާ ސާމާނުތައް ގެނައުމަށް ސަރުކާރުން އަވަސްވެގަތެވެ.

ބަލި ރާއްޖެ އެތެރެވާން އޮތީ ދެ ދޮރުކަމުގައި ވީނަމަވެސް އޭގެއިން ދޮރެއް ބަންދުނުކޮށް، ފަތުރުވެރިންނަށް މަރުހަބާ ކިޔުމާއި، ބޭރުން މުދާ ގެނައުން ހުއްޓާނުލާ ކުރިޔަށް ގެންދިޔުމުގެ ނަތީޖާއަކަށް ވީ، ކޮވިޑްގެ ވަބާ ރާއްޖެއަށް ފޯރުމެވެ. އެއާއެކު ރާއްޖޭގައިވެސް ބަލި ފެތުރެން ފެށިއެވެ. މި ހާލަތުގައި ސަރުކާރުގެ ހުރިހާ ހަކަތައެއް ދިޔައީ ބޭނުން ކުރަމުންނެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. މުޅި އިގުތިސާދު ހުއްޓުމަކަށް އައިސް ވެންޓިލޭޓަރެއްގެ އެހީގައި އިގުތިސާދު އޮންނަން ޖެހިއްޖެއެވެ.

އެހެނަސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަން މަޖުބޫރުވިއެވެ. އާމްދަނީ ލިބެން ހުރި ގާތްގަނޑަކަށް ހުރިހާ ދޮރެއް ބަންދުވެ ދައުލަތުގެ ބަޖެޓާއި އަދި މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްދިން ބަޖެޓްވެސް ޚަރަދުކުރަން ފެށިއެވެ. ވެންޓިލޭޓަރުތަކާއި، ސިއްހީ އިތުރު އާލަތްތައް އެއްކުރިއެވެ. އަދި ފްލޯޓިންގ ހޮސްޕިޓަލެއް ތަރައްގީކުރާ ހިސާބަށް ގައުމު ތައްޔާރުވިކަމަށް އޭރުގައި ނޫސްކޮންފެރެންސް ދޭ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެތައް ޕްރޮޖެކްޓެއް މަޑު ޖައްސާލިއެވެ. ދަތުރުފަތުރު ކުރުން ހުއްޓާލިއެވެ. 15000 ރުފިޔާއިން މަތިން މުސާރަ ލިބޭ މީހުންގެ މުސާރައިން ވަކި އިންސައްތައެއް އުނިކުރަން ފެށިއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމުކޮށް އޮޕަރޭޓްކުރަން ފެށިއެވެ.

2020 ނިމިގެން ދިޔައިރު ސަރުކާރުން ވަނީ ކޮވިޑް19 އަށް ބޮޑު ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްާގޮތުން، ކޮވިޑަށް އެކަނި ސަރުކާރުން ވަނީ، 1395 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެގޮތުން، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުންނެވެ. އެއީ 782 މިލިއަން ރުފިޔާއެވެ. ހެލްތް މިނިސްޓްރީން 273 މިލިއަން ރުފިޔާއެވެ. މީގެ އިތުރުންވެސް އެކި އިދާރާތަކުން ވަނީ މި ބަލިމަޑުކަމާއި ގުޅިގެން އެތަކެއް ޚަރަދުތަކެއް ކޮށްފައެވެ.

31 ޑިސެމްބަރުގެ ނިޔަލަށް ސަރުކާރުން ކޮށްފައިވާ ޚަރަދު

މި ދަނޑިވަޅުގައި ރައްޔިތުން ބިކަވެ، ހާލުގައި ޖެހި ދިރިއުޅެމުން ދާތަން ދޫކޮށްލާ ހިސާބަށް ދިޔައެވެ. 16 ރުފިޔާގެ ރޭޓުން ވިއްކަމުން ދިޔަ ރޭޓް ވިހި ރުފިޔާއަށް ޑޮލަރެއްގެ ރޭޓް ބޮޑު، އިންފުލުއޭޝަން ރޭޓް ވެސް މަތިވެއްޖެއެވެ. މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއިގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓެއް ދޭން ފެށިއެވެ. އަދި ބިލް ނުދެއްކުނަސް ޚިދުމަތް ކަނޑާނުލާނެކަމުގެ ޔަގީންކަން ދިނެވެ.

ގައުމުގެ އިގުތިސާދު ވެންޓިލޭޓަރުގައި އޮއްވާ ދެން އިވެން ފެށި އަޑަކީ ވެންޓިލޭޓަރުން ވައްކަން ކުރި ވާހަކައެވެ. މިކަން ފަޅާ އެރީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުންނެވެ.

ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ގެންނަން ބިޑް އެއްބަސްވުން ހަދާފައިވަނީ އެޑްވާންސް ގެރަންޓީއަކާއި ނުލާއެވެ. އަދި ވެންޓިލޭޓަރުގެ 90 އިންސައްތަ ޕޭމަންޓު ގާއިމް ކުރުމަށް ފަހު، އެ ފައިސާ ޖަމާ ކުރުމަށް މަސައްކަތް ކުރީ އަމިއްލަ މީހެއްގެ ބޭންކް އެކައުންޓަކަށެވެ. އެއީ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ނުވަތަ 2 މިލިއަން ޑޮލަރެވެ. ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލު ކުރިއެވެ. ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލު ކުރީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. މި ވެންޓިލޭޓަރުތަކަށް އެޑްވާންސް ގެރަންޓީއަކާއި ނުލާ ދެ ފަހަރެއްގެ މަތީން ފައިސާ ދެއްކިއެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށާއި ނަތީޖާއެއްގެ ގޮތުން، މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޕްރެޝަރުތަކާއި ފިއްތުންތަކާއެކު އަމީން ހެލްތް މިނިސްޓަރު ކަމުން އިސްތިއުފާ ދިނީއެވެ.

ކޮންމެއަކަސް ރާއްޖޭގެ ބޯޑަރު އަހަރުގެ މެދަކާ ހިސާބުން ހުޅުވާލި ނަމަވެސް ފަތުރުވެރިން އަންނަ އިންސައްތަ ވަރަށް ދަށެވެ. އެކި އެކި ޕްލޭންތައް ހަދާ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް ބޭރުގެ ގިނަ ގައުމުތައް ފުރަބަންދުގައި އޮތުމުން ފަތުރުވެރިން އަންނަ މިންވަރު މަދީއެވެ. ނަމަވެސް އަހަރު ނިމެމުން ދިޔަ ވަރަކަށް ފަތުރުވެރިން އަންނަ މިންވަރު ދިޔައީ އިތުރުވަމުންނެވެ. ކޮވިޑާއި ދެކޮޅަށް ސަރުކާރުގެ ހުރި ހަކަތައެއް ބޭނުންކުރިއެވެ. ކުރިގޮތާއި، ވަގުތާއި ސާއަތު އަދި ނިޔަތް އެނގިލައްވާނީ ކުރި ބަޔަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!