ދެއްވަދޫ ކްލަސްޓާ: ކޮންޓެކްޓުންގެ ތެރޭގައި ހައިރިސްކުގެ 101 މީހުން

ގއ. ދެއްވަދޫގައި ފެނިގެން އުޅޭ ކޮވިޑް-19 ކްލަސްޓާގެ ކޮންޓެކްޓުންގެ ތެރެއިން ހައިރިސްކުގެ 101 މީހުން ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ މިދިޔަ މަހު 23 އިން ފެށިގެން ދެއްވަދޫ ކްލަސްޓާއިން 52 ފައްސި ކޭސް ފެނިފައިވާ ކަމަށެެވެ.
އެ ކޭސްތަކުގެ ތެރެއިން 43 ކޭސް ދެއްވަދޫން ފެނުނުއިރު ލ. ފޮނަދޫން ހަތަރު ކޭސް، ގއ. ދާންދޫން ދެ ކޭސް އަދި ގއ. ވިލިނގިލިން އެއް ކޭސް އަދި ހުޅުމާލެއިން ދެ ކޭސް ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވާފައިވެއެވެ.
އަރޫޝާ ވިދާޅުވީ އެ ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު 255 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 ފަރާތެއް ފާހަގަވެފައިވާ ކަމަށެވެ. އަދި މިކްލަސްޓާއާ ގުޅިގެން 750 ސާމްޕަލެއް ނަގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.