ރިޕޯޓް

އާސިމްގެ މަރާއެކު އާއިލާއަށް އަޅާލާނެ އެއްވެސް މީހެއް ނެތް، މުޅި އާއިލާ ބިކަވެފައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖަސް: ޢާލިމް އަބްދުއްލަތީފް

އިއްޔެގެ ވަގުތެއްގައި މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީ ނ.ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމަކީ އޭނާގެ އާއިލާގައި ހުރި އެންމެ ދޮށީ ކުއްޖާއެވެ. އެއްބަނޑު އެއްބަފާ 9 ކުދިން އާސިމްގެ އާއިލާގައި ތިބި އިރު ލޯބިވާ ދޮންބެގެ މަރުގެ ހަބަރާއެކު މުޅި އާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އާސިމްގެ ބައްޕަ އުމުރު ދުވަހަށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ގައިދުވެގެން ދިޔަފަހުން، އެ އާއިލާގެ ހުރިހާ ޒިންމާއެއް ކޮނޑުއަަޅައިގެން ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔަ މީހަކީ އޭނާއެވެ.

އާސިމް އަކީ އޭނާގެ އާއިލާގެ ތަނބެވެ. އެހެން ނަމަވެސް މިއަދު އާސިމެއް މި ދުނިޔެއަކު ނެތެވެ. އޭނާގެ މަރާއެކު އޭނާގެ މުޅި އާއިލާ ބިކަވެ ހިތާމައިގެ ކަނޑެއްގެ ތެރޭގައި އޮޔާ ވަޔާ ދެކޮޅަށް ދަތުރު ކުރަން ޖެހިއްޖެެއެވެ. މާލީ ގޮތުން އާއިލާ ފުން އަނދަވަޅުގަނޑަކަށް ވެއްޓިއްޖެއެވެ.

އާސިމްގެ އާއިލާގެ ހާލަތު އޮޅުން ފިލުވާލުމަށް ޓަކައި "ދެން"އިން އޭނާގެ ބޮޑުދައިތަ ޝަހީމާއަށް ގުޅާލީމެވެ. އޭނާގެ އަޑުގައިވަނީ މޮޅިވެރިކަމާއި މާޔޫސްކަމެވެ. އާސިމް ނިޔާވުމާ ގުޅިގެން މުޅި އާއިލާ ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން އޭނާ ކިޔައި ދިނީ ގިސްލަމުން ދިޔަ ހާލުގައެވެ. ޝަހީމާ ބުނީ އެ އާއިލާއަކީ އަޅާލާނެ އެއްވެސް މީހަކު ނެތް އާއިލާއެއް ކަމަށެވެ.އަދި އާސިމްގެ ބައްޕަ ހުންނަނީ މުޅި އުމުރަށް ޖަލަށް ލާފައި ކަމަށާއި އޭނާގެ މަންމަ އަކީ އެކަނިމާއެކަނި 9 ކުދިން ބަލައި ތަރުބިއްޔަތު ކުރަމުންދާ ހިތްވަރުގަދަ މައެއް ކަމަށެވެ. ކުދީންގެ ތެރޭގައި 18 އަހަރުން ދަށުގެ 5 ކުދިން ވެސް ހިމެނޭ ކަމަށް ޝަހީމާ އަސަރާއެކު ކިޔައިދިނެވެ.

އާސިމް އަކީ މުޅި އާއިލާގެ ހަރަދުތައް ބަލަމުން އަންނަ އާއިލާގެ ހުރިހާ ޒިންމާތަކެއް މިއަދު ކޮނޑުއަޅައިގެން ހުރި "ބައްޕަ" އެއްގެ ގޮތުގައި ޝަހީމާ ސިފަކުރިއެވެ. އަދި އާސިމް އަކީ ވަރަށް ވަރަށް އަހްލާގު ރަނގަޅު މާތް ކުއްޖެއް ކަމަށާއި އާސިމް ގެއްލިގެން ދިއުމުން އެކަމުގެ ހިތާމަ ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށް ޝަހީމާ ރޮމުން ދިޔަ ހާލު ކިޔައިދިނެވެ.

އާސިމްގެ އާއިލާގެ ހާލަތު އިތުރަށް ތަފްސީލް ކޮށްދެމުން ޝަހީމާ ބުނީ އާސިމް މި ދުނިޔެއާ އަލްވަދާއު ކީ ވަގުތު އޭނާގެ އަނބިމީހާ ހުރީ ކޮވިޑް-19އަށް ފައްސިވެ އިންޑިއާގައި ކަރަންޓީނުގައި ކަމަށެވެ. އަދި އާސިމް ހޮސްޕިޓަލުގައި އޮތްއިރު އޭނާގެ ގާތަށް އަނބުރާ އައުމަށް ދެފަހަރެއްގެ މަތިން ޓެސްޓު ހަދައިގެން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ނާދެވުނީ ދެފަހަރު ވެސް ފައްސިވުމުން ކަމުގައި އޭނާ ބުންޏެވެ. އޭނާ އިއްޔެ ވެސް ގުޅައިގެން ވަރަށް ރުއި ކަމަށާއި ތަހައްމަލު ކުރަމުން ގެންދަނީ ވަރަށް ދަތި އުނދަގޫ ހާލަތެއް ކަމަށް ޝަހީމާ ސިފަކުރިއެވެ.

"އެކަމަކު ކީއްކުރާނީ، މޫނުވެސް ނުފެނި ނިޔާ ވެގެން އެދިޔައީ. ދެފަހަރެއްގެ މަތިން އަންނަން ކުރި މަސައްކަތުން ވެސް ޕޮސިޓިވް ކަމަށް ދައްކައިގެން ނާދެވުނު"

ލޯބިވާ ދަރިފުޅުގެ މަރުގެ ހަބަރުވީ އާސިމްގެ މަންމައަށް ގަބޫލުކުރަން ދަތި ހަބަރަކަށެވެ. ލިބުނު ކުއްލި ޝޮކާއެކު ހާލު ދެރަވެ އާސިމްގެ މަންމަ ހޮސްޕިޓަލުގައި ވެސް އެޑްމިޓް ކުރެވުނެވެ. އަދި އަދަށް ދާން ދެން ވެސް ކާއެއްޗެއް ނުކެވޭ ކަމަށާއި ހާލު އަދިވެސް ވަރަށް ދެރަ ކަމުގައި އާސިމްގެ ބޮޑުދައިތަ ޝަހީމާ ބުންޏެވެ.

އާސިމްގެ މަރާއެކު މުޅި އާއިލާ ބިކަވެފައިވާއިރު، އެމްޕީއެލްގެ ފަރާތުން އާއިލާއަށް ކޮންމެވެސް ކަހަލަ އެހީތެރިކަމެއް ދޭނެ ކަމުގައި ބުނިކަމަށް ޝަހީމާ ކިޔައިދިނެވެ. އަދި މިހާރު އެކަމާ ގުޅިގެން އެމްޕީއެލްއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި ރިސޯޓެއްގެ ފަރާތުން ވެސް އެހީތެރިކަމެއް އާއިލާއަށް ފޯރު ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އަދި ސާފުވެފައި ނުވާ ކަމަށް "ދެން"އާ ވާހަަކަ ދައްކަމުން ޝަހީމާ ބުންޏެވެ.

ނ.ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް ނިޔާވުމާއެކު މުޅި ލަންދުއަށާއި އާއިލާއަށް ވެރިވެފައިވަނީ މާޔޫސް ކަމާއި މޮޅިވެރިކަމެވެ. އާސިމް މުޅި އުމުރަށް އާއިލާއާ އަލްވަދާއު ކިޔުމުން އާއިލާއަށް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އާސިމްގެ ދުނިޔޭގައި މިއާއިލާއަކީ އުފާވެރި އާއިލާއެއް ނަމަވެސް އާސިމްގެ ވަކިވުމާއެކު މުޅި އާއިލާ ވެސް ވެއްޓިގެން ދިޔައީ ފުން އަނދަވަޅުގަނޑަކަށެވެ. މާލީގޮތުންނާއި ނަފްސާނީ ގޮތުން ވެސް އާއިލާގެ ހުރިހާ އެންމެންނަށް ވެސް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ.

މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި، އާސިމްގެ އާއިލާއަށް ދައުލަތުގެ ފަރާތުން އެހީތެރިވާން ޖެހޭނެ ކަމުގައި ގަބޫލު ކުރެވެއެވެ. އަދި މި ބޮޑު އާއިލާ ވެއްޓިފައިވާ ފުން އަނދަވަޅުން އަރައިގަތުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

  1. އާއިލާގެ ކޮންޓެކްޓެއް ސެއާކޮށްލިނަމަ

    • 9927284
      Saheema

      • ޖަނާ

        މިއީ ސައްހަ ބަމްބަރެއްތޯ ބެލުން މުހިންމު.

  2. މުއަ

    ދީ ބަލަ އާއިލާ އެކައުންޓު ނަމްބަރ

  3. ނާޒު

    އާއިލާއައް އެހީ ތެރި ވާން ބޭނުން މީހުން ނަށްފަސޭހަ ވާނެ އެކައުންޓު ނަމްބާރ ލިޔެލިނަމަ

  4. މާސްޓަރ

    ޥަގުތުންވެސް މުސާރަދޭން ނިންމީ އެހެން ޢާއިލާއަކަށް. ހުސް އެޑްވަޓައިޒިން ސްޓަންޓްސް.

  5. ރަނގަބީލު

    ކޮންމެވެސް ގޮތެއް ޤޮތެއް އޮންނާނެ އިންޝާ އައް ލަހިް