ކޮލަމް

ވާނުވާ އަމުރުން އަރައި ނުގަނެވުނު ޤައުމެއްގެ ވާހަކަ

އަބްދުﷲ ރަޝީދު (ކްރިސްޓަލް) ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް. ދެން ފައިލް ފޮޓޯ

އޭނާގެ ނަމަކީ އާދަމް ޢަލީ އެވެ. އޭނާ ނިސްބަތްވަނީ މެދުރާއްޖެތެރޭގެ ރަށަކަށެވެ. އޭރު އޭނާގެ ޢުމުރަކީ 57 އަހަރެވެ. އާދަމް ޢަލީ ހައްޔަރުކުރެވުނީ 15 ފެބްރުއަރީ 2015 ގައެވެ. ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމާއެކު މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދޫކޮށްލާފައި ބަހައްޓަން ނުފެންނާތީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރުނެވެ. އޭނާ ނިސްބަތްވާ ރަށުގައި އެވަގުތު މެޖިސްޓްރޭޓަކު ނެތުމާއެކު މުއްދަތު ޖެހީ ޖެހިގެން އޮތް ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްގެންނެވެ. ކުރިން ދެވުނު ބަންދު އަމުރުގެ މުއްދަތު ހަމަވާތީ 2015 ފެބްރުއަރީ 25 ވަނަ ދުވަހު އަލުން ކޯޓުގެ މުއްދަތު މަޖިލީހަށް އާދަމް ޢަލީ ހާޒިރު ކުރެވުނެވެ. ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްބުނެ "ޝަރީޢަތް ނިމެންދެން" ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމުގެ އަމުރެއް ކޯޓުން އެދުވަހު ނެރުނެވެ. އާދަމް ޢަލީ "ވާނުވާ"ގެ ދަލުގައި ޖެހިގެން ދިޔައީއެވެ. އެތައް މަހެއް ފާއިތުވި އިރުވެސް އޭނާގެ މައްޗަށް ދަޢުވާއެއް ނުއުފުލުނެވެ. އަދި އާއިލާގެ ފަރާތުން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އެކަން ގެނައުމާއެކު މައްސަލަ ކޯޓަށް ފޮނުވައިދީފިއެވެ. ނަމަވެސް އޭނާ ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ. އާދަމް ޢަލީ ބަންދުކޮށްފައިހުރީ ދޫނިދޫ ޖަލުގައެވެ. ދޭތެރެ ދޭތެރެއިން މާލޭ ޖަލަށް ބަދަލުކުރެވެއެވެ. ޝަރީޢަތުގައިވާ މައްސަލަ އަވަސްކޮށް ދިނުމަށް މައްސަލައޮތް ކޯޓުގައި އެދުމުން އެފަރާތުންދެއްވާ ޖަވާބަކީ އޭނާ ބަންދުގައި ހުރީ މާލޭ ޖަލުގައި ކަމަށްވާތީ އޭނާ ކޯޓަށް ހާޒިރު ކުރެވިގެންނޫނީ މައްސަލަ ކުރިއަށް ގެންދެވެންނެތް ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދުމުން ބަޖެޓުގެ ތާށިކަމާއި އަދި އެހެންވެސް ސަބަބުތަކާހުރެ އޭނާ މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ހާޒިރުކޮށްދެވެންނެތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކޯޓަށް ޖަވާބުދީފައިވާތީ ޙުކުމަކާނުލާ ޖަލުގައި ދުވަސްތައް ހޭދަކުރުންނޫން ގޮތެއް އާދަމް ޢަލީއަކަށް ނެތެވެ. މައްސަލަ ރަށުގެ މެޖިސްޓްރޭޓް ކޯޓުގައެވެ. އާދަމް ޢަލީ ދޫނިދޫ ޖަލުގައެވެ.

Ads by Sosun Fihaara

ބަންދުއަމުރު މުރާޖަޢާކޮށްދީ ޝަރީޢަތް އަވަސްކޮށްދިނުމަށް ތަކުރާރުކޮށް ޕީޖީއަށާއި ކޯޓަށް އޭނާގެ ވަކީލުގެ ފަރާތުން އެދި ހުށަހެޅިނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބިއޮވެ އެންމެފަހުން އާދަމް ޢަލީ އަބަދަށްޓަކައި މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައިވަނީ އޭނާ ބަންދުކުރިތާ އެތައް އަހަރެއް ފަހުން މާލޭ ޖަލުގައެވެ. އިންސާފުވެރި ޝަރީޢަތެއް ނުލިބިއެވެ. މާތް ﷲ އެ މަރުހޫމުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.

މަތީގައި ބަޔާންކުރެވުނު ވާހަކައަކީ ޚިޔާލީ ވާހަކައެއް ނޫނެވެ. އެއީ ވާނުވާގައި ބަންދުގައިހުރެ މަރުވެދިޔަ އެންމެ މީހެއްގެ ވާހަކައެވެ. މަރްހޫމް އާދަމް ޢަލީގެ ބަންދުގެ މުއްދަތު ފުރަތަމަ ޖެހުނުތާ މިއަދަށް 6 އަހަރު ފުރެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އާދަމް ޢަލީ ފަދައިން "ވާނުވާގައި" ޖަލުގައި ދުވަސްތައް ގުނައި ޝަރުޢީ ޙުކުމެއްނެތި ޖަލުގައި ނިޔާވި އެތައް ބަޔަކު ތިބޭނެއެވެ. މިއަދު ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވާނުވާ ޖެހުމުގެ ސަޤާފަތަށް ނިމުމެއް އަތުވެއްޖެތޯއެވެ. އިންސާފު ލިބޭނެ ކަމުގެ ކަށަވަރުކަން އިޙްސާސް ކުރެވޭތޯއެވެ. އިންސާފުވެރި ޝަރީޢަތެއް ނުލިބި، "ވާނުވާގައި" ބަންދުވެފައިތިބި މީހުންނަށް ކުރެވޭ ހިތްދަތި އިޙްސާސްތަކަށް ނިމުމެއް އަތުވެއްޖެތޯއެވެ. ކޮންމެ މީހަކަށްވެސް މިވާހަކައިގެ ސީރިއަސްކަން ފުރިހަމައަށް ތަޞައްވުރު ކުރެވޭނީ ތިމާޔަށް ނުވަތަ ތިމާގެ ޢާއިލާގެ މީހަކު "ވާނުވާ" ތަހަންމަލު ކުރަން ޖެހުނީމައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/10 (ޤާސިމް އިބްރާހިމް-ވ-މޯލްޑިވްސް ޕޮލިސް ސަރވިސް) ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ދެވަނަ ނުކުތާއެއްގެ ގޮތުގައި ޞަފްޙާ ނަންބަރު 05 ގައި، ބައިނަލް އަޤުވާމީ އެތައް މުޢާހަދާއަކާ ހަވާލާދެއްވާ ވިދާޅުވެފައިވަނީ "އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ޙައްޤަކީ ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީގައި ކުރެވޭ ބަންދު (ޕްރީޓަރަލް ޑިޓެންޝަން)" ކަމުގައެވެ. އެއީ މިކިޔާ ވާނުވާއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނަމުގެ ނަމުގައި އެންމެ އަޑު ހަރުކޮށް ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ނިސްބަތްކޮށް އެންމެބޮޑަށް ކުރިމަތި ކުރި ފާޑު ކިއުމަކީވެސް ވާނުވާ ޖެހުމުގެ ކަންކަން ރާއްޖޭގައި ހިނގަމުންދާ ގޮތެވެ. ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ވެރިކަން ބަދަލުވެ ޢަދުލުއިންސާފު ޤާއިމްކުރުމުގެ މަތިފަޑިން އިޞްލާޙަށް ގޮވާލި ފަރާތްތަކަށް ފުރުސަތު ލިބުމުން ވާނުވާ ޖެހުމުގެ ސަޤާފަތަށް ޤާނޫނީ އިމުގެ ތެރެއިން ހެޔޮ ހެޔޮބަދަލެއް އަންނާނެކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުން އެ ޤާނޫނުގެ 60 ވަނަ މާއްދާއަށް (ވ) އެއް އިތުރުކޮށް ރައްޔިތުން މަޖިލީހުން ވާނުވާ ޖެހުމުގެ ކަންތަކުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލާލަދިނެވެ. ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތަކުން މި އިސްލާޙް ގެނައުމުގެ މަޤްޞަދާއި ހާސިލުކުރަން ބޭނުންވި ނަތީޖާ ނުހަނު ސާފުކޮށް އޮތީ ފެންނާށެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 03 އިޞްލާޙުގައި އެ ޤާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރި (ވ) ގައި ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިތިބޭ ފަރާތްތައް ކޮންމެ 30 ދުވަހަކުން ބަންދު އަމުރު މުރާޖަޢާކުރުމަށް އޭނާ ބަންދުކޮށްފައިވާ ފަރާތުން ކޯޓަށް ހާޒިރުކުރަން ވާނެކަމަށެވެ. މި އިސްލާޙް ޤާނޫނަށް ގެނެވުނު ނަމަވެސް އެކަން އެމަގުން ކުރުމަކީ ދައުލަތަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ޤާނޫނަށް ގެނެވުނު އިސްލާޙް ގެޒެޓް ކުރެވި ކޯޓަށް ހާޒިރުކުރަން ޖެހުނު ފަރާތްތަކުގެ މުއްދަތު ރިވިއުކުރުމުގެ ކަންތައް 30 ދުވަހުގެ ތެރޭގައި ނުކުރެވި ޤާނޫނަށް ގެނެވުނު އިޞްލާޙްގެ ފޮނިމީރުކަން "ވާނުވާ" ގައި ތިބި މީހުންނަށް ނުލިބި މުއްދަތު ފާއިތުވެ، ޤާނޫނީ ހައްލެއް ހޯދުމަށް މައްސަލަ ފަނޑިޔާރުގެއަށް ހުށަހެޅުނެވެ.

ޤާނޫނުގައި ބުނާގޮތުގެމަތިން 30 ދުވަހުގެ ތެރޭގައި ބަންދުގެ މުއްދަތު ރިވިއު ކުރުމަށް ހުށަނޭޅުނު މައްސަލައަށް، ފަނޑިޔާރުގެ ނިޔާއެއް ހޯދުމަށް ހައިކޯޓުގެ ނަންބަރު 2020/HC-A/267 ޤަޟިއްޔާ ރެޖިސްޓްރީ ކުރެވުނެވެ. ފަނޑިޔާރުގެ ކުރިމަތީގައި އޮތް ސުވާލަކީ ޤާނޫނުގައި ބުނާގޮތަށް 30 ދުވަހުގެ ތެރޭގައި ބަންދުގެ މުއްދަތު ރިވިއުކުރުމަށް ހުށަނާޅައިފިނަމަ ދެންވާނެ ގޮތެކެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ މީހާ 30 ދުވަސް ހަމަވުމާއެކު ބަންދުގެ މުއްދަތު މުރާޖަޢާކޮށް އަލުން ބަންދުކުރުމަށް ނުނިންމައިފިނަމަ އެހިސާބުން އޭނާ ބަންދުގައި ހުރި ހުރުން ޣައިރު ޤާނޫނީ ބަންދަކަށް ބަދަލުވާނެތޯ އުފެދިފައިވާ ސުވާލެވެ. ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި މަޖިލީހުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާކަމަށް ހައިކޯޓުގެ ޤަޟިއްޔާގެ ޞަފްހާ ނަންބަރު 05 ފަށަމުން ބަޔާންކުރައްވާފައިވަނީ "ދަޢުވާލިބޭ ފަރާތް ބަންދުކުރެވިފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެ ކޯޓު އަމުރުގައިވަނީ އެފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކަމަށާއި، އެ އަމުރާ ގުޅޭގޮތުން ސުވާލު އުފެދިފައިނުވާކަމަށް" ބުނެ ފާހަގަ ކުރި ނުކުތާއެވެ. ޕީޖީގެ ފަރާތްޕުޅުން ދިފާޢު ކުރެވިފައިއެވަނީ ޤާނޫނަށް އިސްލާޙް އައުމުގެ ކުރިން ކަން އޮތްގޮތެވެ.

ޤާނޫނީ ގިނަ ހުއްޖަތުތަކާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ފާޠިމަތު ފަރުހީޒާ ދެކެވަޑައިގަތީ 30 ދުވަސް ފާއިތުވުމަށް ފަހު ބަންދުކުރުމަށް ނެރެފައިވާ އަމުރު މުރާޖަޢާކޮށް އިތުރަށް ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައި ނުވާނަމަ އެމީހަކު ބަންދުން ދޫކޮށްލަން ޖެހޭނެކަމަށެވެ. އަދި ހައިކޯޓުގެ ރިޕޯޓުގެ 37 ވަނަ ނުކުތާގައި، ޞަފްޙާ ނަންބަރު 18 ގައި އޭނާ ބަޔާންކުރައްވަނީ "ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ޢިބާރާތުގައި "ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭތޯ" މި ގޮތަށް ބޭނުންކޮށްފައިވުމުން ދޭހަވަނީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް އޮތަސް، 30 ދުވަސް ހަމަވުމުން އެމީހަކު އިތުރަށް ބަންދުކުރެވޭނެ ސަބަބެއް އޮތްތޯ ކަށަވަރު ކުރުމަށް ކޯޓަށް ހާޒިރުކުރުމަކީ ލާޒިމު ކަމެއް ކަމެވެ. "ބަންދާމެދު ގޮތެއް ކަނޑައެޅުން" ނުވަތަ "ބަންދުން ދޫކުރާނީތޯ" ފަދަ ޢިބާރާތެއްގެ ބަދަލުގައި "ބަންދުގައި އިތުރަށް ބަހައްޓަންޖެހޭތޯ" މި ޢިބާރާތް ޤާނޫނުގައި ބޭނުންކޮށްފައިވުމުން ދޭހަވަނީ އަސާސީ ޙައްޤު އިތުރަށް ހިފެހެއްޓުމުގެ ކުރިން މި އިޖުރާއާތު ފުރިހަމަވުން ލާޒިމުކުރުމަކީ ރައްޔިތުން މަޖިލީހުގެ ނިޔަތްކަމަށް ފަނޑިޔާރު ފާޠިމަތު ފަރުހީޒާ ދެކިވަޑައިގަންނަވައެވެ. އަދި އިތުރަށް ފަނޑިޔާރު ވިދާޅުވެފައިވަނީ ބަންދު އަމުރު މުރާޖަޢާ ކުރުމެއްނެތި އިތުރަށް ބަންދުގައި ބެހެއްޓުމަކީ ޤާނޫނާ ޚިލާފުވުން ކަމަށް ބެލެވޭނެކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށާއި އެއީ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހަކު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭތޯ ބެލުމަށް ޤާނޫނުން ލާޒިމްކުރި މުރާޖައާ ކުރުމުގެ ވާޖިބު (mandatory) އިޖުރާއާތެއް ފުރިހަމަނުވުމުން ކަމުގައެވެ. އަދި procedural irregularity އެއް ކަމަށްބަލައި ބަންދުގައިވާ މީހާއަށް ހައްލެއް ހޯދައި ދެވެން ޖެހޭނެކަމަށެވެ. ހަމައެއާއެކު ފަނޑިޔާރުގެ ރައުޔަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ޢިބާރާތަކީ "ޤާނޫނު މާނަ ކުރެވޭގޮތުން އަސާސީ ޙައްޤެއް ގެއްލިގެން ދިއުން ހުއްޓުވުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/20 ޤަޟިއްޔާގެ 28 ވަނަ ނުކުތާގައިވެސް އޮތުމާއި ޤާނޫނުން ގަވާއިދު ހެދުމަށް ދެވިފައިވާ މުއްދަތު ހަމަނުވާތީ، އެ މުއްދަތު ހަމަވަންދެން ބަންދުގައިވާ ފަރާތް ބަންދުގައި ހިފެހެއްޓުމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްޓަކައި، (ބަންދު އަމުރު) މުރާޖަޢާ ނުކުރުމަކީ ނަތީޖާއެއް ނެތް ކަމެއްގެ ގޮތުގައި ކޯޓުން މާނަ ކޮށްފިނަމަ ނިކުންނަ ނަތީޖާއަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުން އެންމެ ފުރަތަމަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްދަކޮށް ހަނިކޮށްފައިވާ އަސާސީ ޙައްޤު ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙުން ފުޅާކޮށް އެފަދަ ބަންދެއް 30 ދުވަހަށްވުރެ އިތުރު ކުރާނަމަ އެކަން ފަނޑިޔާރު މުރާޖަޢާ ކުރުމަށް ލާޒިމުވި ޝަރުޠު ކޯޓުން ހަނިކުރުން" ކަމުގައި އޭނާ ދެކިލައްވާ ކަމަށެވެ. އަދި "އެއީ، ކުރިއަށް އޮތް ތަނުގައިވެސް މި ގޮތަށް މުރާޖަޢާ ކުރުމެއްނެތި ކުށެއްގެ ތުހުމަތުގައި އެތައް ދުވަހެއް ވަންދެން މީހުން ބައިތިއްބުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި ދެކެމެވެ." ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެންނެވުނު ޤަޟިއްޔާގެ އަޣުލަބިއްޔަތުގެ ރައުޔު އައިސްފައިވަނީ ފަނޑިޔާރު ފާޠިމަތު ފަރުހީޒާގެ ރައުޔާ ޚިލާފަށްކަމަށްވާތީ، މި މައްސަލައިގެ ނިންމުމަކަށްވީ ބަންދު އަމުރު މުރާޖަޢާ ނުކުރިނަމަވެސް 30 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ބޭއްތިބި ބޭއްތިއްބުމަކީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައި ބަލައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ބަންދުކުރުމަށް ނިމުމެއް ގެންނަން ނުޖެހުމެވެ.

ހައިކޯޓުގެ ދެންނެވުނު ޤަޟިއްޔާގެ ޙުކުމާ ގުޅިގެން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުގެ ނަންބަރު 2020/SC-A/108 ޤަޟިއްޔާގައި އެމައްސަލަވަނީ ބައްލަވާފައެވެ. ނަމަވެސް ނަތީޖާއަކަށް ބަދަލެއް ނައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި އިސްތިނާފު ކުރެވުނު ޤަޟިއްޔާގައި ހަ ނުކުތާއެއްގެ މައްޗަށް އިސްތިއުނާފު ބިނާކުރި ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވާފައިވަނީމައިގަނޑު އެއް ޖަވާބެކެވެ. އެއީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އުމުރު ބާޠިލުކޮށްފައި ނުވުމުން އެއީ ވުޖޫދުގައި އޮތް ޞައްޙަ އަމުރެއް ކަމަށާއި، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ތިބީ އެ އަމުރުގެ ދަށުން ކަމަށާއި، ބަންދު މުރާޖަޢާ ކުރުން ލަސްވެފައިވަނީ، އަމުރު މުރާޖަޢާ ކުރުމަށް އޮންނަ އިޖުރައާތު ޕީޖީއަށް ސާފުނުވަތީ ކަމަށެވެ. އެބަހުގެ މައްޗަށް ޖުމްލަކޮށް އިސްތިއުނާފުގެ މުޅި ރައްދު ބިނާކޮށްފައިވާކަން ފާހަގަ ކުރެވުނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގާދިޔަ އިސްތިއުނާފުގެ ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު ފާހަގަ ކޮށްލެވުނު މުހިންމު ނުކުތާއަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ހިމެނޭ އިޖުރާއާތުތަކުގެ ޤާނޫނީ ބާރުވެރިކަން މާނަކޮށް ދިނުމެވެ. މިގޮތުން ރިޕޯޓުގެ 15 ވަނަ ޞަފްޙާގައިވަނީ ޤާނޫނުގައިވާ ބައެއް އިޖުރާއާތު ތަކަކީ "އެއާ ޚިލާފުވުމުގެ ސަބަބުން، ތުހުމަތު ކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނޭ ކަންކަމެވެ. އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ކަންކަމެވެ. ބައެއް ހާލަތުގައި ބަންދުގައި ހުރި މީހެއްނަމަ ބަންދުން އެމީހަކު ދޫވެގެންދާ ހާލަތްތަކެއް ވާކަމެވެ. އަނެއްބައި ކަންކަމަކީ، ތުހުމަތު ކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއްނެތް އަދި އެ އިޖުރާއާތު ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމު ތަކެއް ވާކަމެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާނެއެވެ. މި ދެ އިޖުރާއާތުގެ ތަފާތަކީ އިރެގިއުލަރިޓީއާއި އިލީގަލިޓީގެ ތަފާތުކަމަށް ސުޕްރީމް ކޯޓުގެ ރިޕޯޓުގައިވަނީ ބަޔާންކުރައްވާފައެވެ. ވުމާއެކު، 30 ދުވަހުން ބަންދު އަމުރު މުރާޖަޢާކުރުން ފެތެނީ އިރެގިއުލަރިޓީއާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދެންނެވުނު ޤަޟިއްޔާގައި ވަނީ މާނަކުރައްފައެވެ. ވުމާއެކު ޝަރީޢަތް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރެވިފައިވާ ފަރާތްތައް ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 03 ވަނަ އިޞްލާޙާ އެއްގޮތަށް 30 ދުވަހުން ބަންދުގެ މުއްދަތު ރިވިއު ކުރުމަށް ކޯޓަށް ހާޒިރު ނުކުރުމަކީ ޤާނޫނާ ޚިލާފުވުމެއްކަމަށްވިޔަސް އެކަމުގެ ސަބަބުން ޝަރީޢަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ މީހާ ބަންދުން ނުވީއްލޭނެކަމަށް ކަނޑައެޅުނީއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ ހަތަރުވަނަ ނުކުތާއާއި ފަސްވަނަ ނުކުތާއަކީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބުނާ އުސޫލާ ޚިލާފަށް ހައިކޯޓުގެ ޤަޟިއްޔާގެ ނިންމުން (އަޣުލަބިއްޔަތުގެ ރައުޔު) ބިނާކޮށްފައިވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ. ޤާނޫނު ނަންބަރު 2011/04 (މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގައި ޙައްލު ހޯދައިދިނުމުގެ އުސޫލު ގެ ގޮތުގައި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އެ މާއްދާއިން ޙައްލު ހޯދައިދިން ކަންކަމަށް އޭގެ ރަނގަޅު މަހައްލުގައި އެ ޤަނޫނެއް ތަންފީޒު ކުރުމަށެވެ. ހަމައެއާކު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 04 ވަނަ މާއްދާގެ (ށ) ގެ (2) ގައިވަނީ (އެ ޤާނޫނެއް ތަޢާރަފްކުރީ) ކޮން އުނިކަމެއް ފޫ ބެއްދުމަށްޓަކައިކަން ބަލާ ޤާނޫނު މާނަ ކުރުމުގައި އެކަމަށް ރިޢާޔަތް ކުރަންވާނެކަމަށެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިސްލާޙް ގެނެސް  ޤާނޫނުގެ 60 ވަނަ މާއްދާގެ ފަހަތަށް (ވ) އެއް އިތުރު ކުރެވުނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ ބަންދުގެ މުއްދަތު ކޮންމެ ތިރީސް ދުވަހަކުން އެއްފަހަރު ކޯޓަށް އެފަރާތެއް ހާޒިރުކޮށް ބަންދު އަމުރު މުރާޖަޢާ ކުރުމަށްކަމަށް ފެނެއެވެ. މާނަ ކުރުމުގެ ހަމަތަކާ ގުޅުވައިގެން މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 މި ތިން ޤަޟިއްޔާގައި ފާހަގަކުރި ތިސްތިއުނާފީ ނުކުތާތަކަށް، ސުޕްރީމްކޯޓުގެ 03 ފަނޑިޔާރުން، ވަކިވަކިން ލިއުއްވި ރައުޔުގައިވެސް ސާފު ވަކި ރޫލިންގއެއް ދެއްވާފައިވާކަމަކަށް ފާހަގައެއް ނުކުރެވުނެވެ.

ވުމާއެކު، ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު 03 ވަނަ އިސްލާޙުން ކޮންމެ 30 ދުވަހަކުން ބަންދު އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހާޒިރު ނުކުރިނަމަވެސް އޭނާ ހުންނާނީ ހަމަ ބަންދުގައެވެ. އެކަމަށް "އަދި" ޤާނޫނީ ޙައްލެއްނެތެވެ. އިޖުރާއީ ޤާނޫނުގައި 30 ދުވަހުން ބަންދުގެ މުއްދަތު ރިވިއުކުރުމަށް ކޯޓަށް ހާޒިރު ނުކޮށްފިނަމަ "އެމީހަކު ބަންދުން މިނިވަންވާނެކަމަށް" ސާފުކޮށް ޤާނޫނުގައި ލިޔެފިނަމަ ވާނުވާއިން އަރައިގަނެވިދާނެއެވެ.

މި ކޮލަމް ލިއުއްވާފައިވާ އަލްއުސްތާޛް ޢަބްދުﷲ ރަޝީދަކީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ  ފުރިހަމަ ކުރައްވާ، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލެކެވެ. އަދި ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ ގެ މެނޭޖިންގ ޕާޓްނަރވެސް މެއެވެ. ޤާނޫނީ ދާއިރާއިން ގިނަ އާޓިކަލްތަކެއް އޭނާވަނީ ރާއްޖޭގެ އޮންލައިން ބައެއް ނޫސްތަކުގައި ޝާއިޢު ކުރައްވާފައެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މައްޗަށް ފޮތެއް ލިއުއްވާ އޭނާ ވަނީ ޢާންމުކޮށް ޝާއިޢު ކުރައްވާފައެވެ. ޤާނޫނީ އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ކޮލަމް މެދުވެރިކޮށް އެކަމެއް ސާފުކޮށްދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ތިޔަ ބޭފުޅުންގެ ސުވާލު ފޮނުއްވާނީ [email protected] އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!