ދެއްވަދޫ ކްލަސްޓަރ: ފައްސިވީ އަދަދު 69 އަށް އަރައިފި

ގއ. ދެއްވަދޫ ގައި އުފެދުނު ކޮވިޑް-19 ކޭސްތަކާ ގުޅުންހުރި 69 މީހަކު ބައްޔަށް ފައްސި ވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ދެއްވަދޫން ފައްސިވީ މީހުންނާއި ގުޅިގެން އުފެދުނު ކްލަސްޓަރ ގައި ހިމެނެނީ އެރަށުން 55 މީހަކާއި ލ. ފޮނަދޫން ފައްސިވީ ހަތަރު މީހަކާއި ގއ. ވިލިނގިލިން ފައްސިވީ ދެ މީހަކާއި ގއ. ދާންދޫން ފައްސިވީ ދެމީހުންގެ އިތުރުން ހުޅުމާލެއިން ފައްސިވީ ދެ މީހެއް ކަމަށެވެ.
ދެއްވަދޫ ގައި ކޮވިޑަށް ފައްސި ކޭސްތަކެއް އުޅޭކަން އެނގިފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވެގެން ރެންޑަމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ. މިކްލަސްޓަރއާ ގުޅިގެން މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިއްޔެވެ.