ޚަބަރު

އެމްޑަބްލިއުއެސްސީ އިން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސަށް ހަދިޔާކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިޢުކޮށްފައިވާ ފޮތެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާ ކުރައްވައިފިއެވެ.

Ads by MWSC

މި ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ، މި ކަމަށްޓަކައި މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމެއްގައި، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމް.ޑަބްލިއު.އެސް.ސީ.އަކީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް ނުހަނު މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމުގައެވެ.

އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ފެނާއި ނަރުދަމާގެ އެކިއެކި މަޝްރޫޢުތަކަކީ، ދިވެހި ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސްއަށް ހަދިޔާކޮށްފައިވާ ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް ޝާއިޢުކޮށްފައިވާ ފޮތެކެވެ. މި ފޮތުގައި އެކުންފުނީގެ 25 އަހަރުގެ ދިގު ތާރީޚުގައި ޙާޞިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ ތަފްޞީލުތައް ހިމަނާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!