ދުނިޔެ

ރައީސަށް ޚާއްސަ ކޮށްފައިވާ ޓްވިޓާ އެކައުންޓުން ބައިޑަން ފޮލޯކުރަނީ އެންމެ ސެލެބްރިޓީއެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ކަމާއި ހަވާލުވެ އިއްޔެ ހުވާ ކުރެއްވުމަށްފަހު، ޖޯސެފް އާރް ބައިޑަން (ޖޯ ބައިޑަން) ވަނީ، އެމެރިކާގެ ރައީސަށް ޚާއްސަ ކޮށްފައިވާ ޓްވިޓާ އެކައުންޓު ވެސް ރަސްމީކޮށް ބޭނުން ކުރައްވަން ފެއްޓެވިކަން އިއުލާނު ކުރައްވާފައެވެ.

Ads by Sosun Fihaara

ނަމަވެސް އެކައުންޓު ބޭނުން ކުރައްވަން ފެއްޓެވި ފަހުން ރައީސް ބައިޑަން އަދި ފޮލޯ ކޮށްފައިވަނީ އެންމެ 12 މީހުންނެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހެރިސް އާއި އެމަނިކުފާނުގެ ބައެއް މުވައްޒަފުންގެ އެކައުންޓާއި ވައިޓް ހައުސް ގެ އޮފިޝަލް ޓްވިޓާ އެކައުންޓުގެ އިތުރުން މޮޑެލް ކްރިސީ ޓީގެން ގެ ޓްވިޓާ އެކައުންޓެވެ.

މަދު ބަޔަކު ފޮލޯ ކޮށްފައިވާއިރު، އެލިސްޓުގައި މޮޑެލް އެއް ހިމެނުމުން ބައެއް މީހުން ވަނީ އެކަމާ ހައިރާން ވެފައެވެ. ނަމަވެސް މިކަމުގެ ފަހަތުގައި ސަބަބެއްވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މޮޑެލް އަދި ޓެލެވިޝަން ހޯސްޓް ކްރިސީ އަކީ ސެލެބްރިޓީއެއް ނަމަވެސް، އޭނާ ޓްވިޓާގައި އެންމެ މަޝްހޫރު ވެފައި ވަނީ ބުނަން ޖެހޭ ކޮންމެ ވާހަކައެއް ވެސް ބުނަން ކެރޭ މީހެއްގެ ގޮތުގައެވެ.

އެކަމުގެ އެއް ހެއްކަކީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޢަމަލުތައް ހުރި ގޮތާމެދު ވެސް ކަންބޮޑުވުން ފާޅުކޮށް، ކްރިސީ ޓްވިޓާގައި ބަސް ބުނުމެވެ. އެކަމުގެ ސަބަބުން ޓްރަމްޕް ވަނީ ކްރިސީ އަކީ "އަނގަހަޑި އަނތްބެއް" ކަމަށް ބުނެ އެމެރިކާގެ ރައީސް އަށް ޚާއްސަ ކޮށްފައިވާ ރަސްމީ ޓްވިޓާ އެކައުންޓުން ކްރިސީ ބްލޮކް ވެސް ކޮށްލާފައެވެ.

މިހާދިސާ ހިނގީ ރައީސް ކަމާ ޓްރަމްޕް ހަވާލުވި ދުވަސްވަރު ކަމުން، ފާއިތުވީ ހަތަރު ވަރަކަށް އަހަރު ކްރިސީ ގެ އެކައުންޓު ވަނީ އެމެރިކާގެ ރައީސްގެ އެކައުންޓުން ބްލޮކް ކޮށްލާފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރައީސް ބައިޑަން ޓެގްކޮށް، ކްރިސީ އިއްޔެ ވަނީ އޭނާ އަންބްލޮކް ކޮށް ދިނުމަށާއި ފޮލޯ ކުރުމަށް އެދިފައެވެ. އަދި ރޭގެ ވަގުތެއްގައި ބައިޑަން ވަނީ ކްރިސީ ގެ އެކައުންޓު އަންބްލޮކް ކުރުމުގެ އިތުރުން، ރައީސަށް ޚާއްސަ ކޮށްފައިވާ އެކައުންޓުން ފޮލޯ ކުރާ އެންމެ ފުރަތަމަ ސެލެބްރިޓީ ކަމުގެ ޝަރަފު ވެސް ކްރިސީއަށް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!