ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް ހަބީބު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސަކަށް އެކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު އިންތިހާބު ކޮށްފިއެވެ.

އީސީގެ ނައިބު ރައީސަކަށް ހަބީބު އިންތިހާބު ކޮށްފައިވަނީ އެކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކޮށްފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް، މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވި ސިޓީއެއްގައި އަކުރަމް ވިދާޅުވެފައި ވަނީ ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

އީސީގެ ނައިބު ރައީސްގެ މަޤާމަށް މިއަދު އިންތިޚާބު ކުރެއްވި ހަބީބަކީ އެކޮމިޝަންގައި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

އިލެކްޝަން ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު ޢައްޔަން ކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުން ކަމަށެވެ. އަދި އީސީގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަޤާމު، ނުވަތަ ކޮމިޝަނުގެ މަޤާމެއް ހުސްވެއްޖެނަމަ، އެމަޤާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު އަލުން އިންތިޚާބު ކުރަންވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!