މޮރޮކޯގެ މިޒުވާނާ، ކަޢުބަތުﷲ ގެފުޅު ކުރެހީ ކުޑަކުޑަ ހަނޑޫފުކެއްގައި !

މޮރޮކޯގެ ޒުވާން އާޓިސްޓަކު ހަނޑޫފުކެއްގައި ކައުބަތުﷲ ގެފުޅު ކުރަހައިފިއެވެ.
ފުއާދް ކެބްދާނީ ނަމަކަށް ކިޔާ އެ އާޓިސްޓު، ވަނީ އޭނާގެ މިކުރެހުން އިންސްޓަގްރާމާއި ފޭސްބުކްގައި ވެސް އިއްޔެ ހިއްސާ ކޮށްފައެވެ.
އެކުރެހުމުން ފެންނަނީ ކައުބަތުﷲ ގެފުޅާ، ގެފުޅު ކަައިރީގައި ބަޔަކު އިހުރާމު ހެދުމުގައި ތިބި މަންޒަރެވެ.
ފުއާދު ކެބްދާނީ އަކީ މިފަދައިން ތަފާތު ކުރެހުމާއި ސްކަލްޕްޗަރ ހެދުމަށް މަޝްހޫރު އާޓިސްޓެކެވެ.

އެގޮތުން އޭނާ ވަނީ ފަންސޫރުގެ ތުނޑުގައި، ރަސޫލާ (ޞޢޥ) ގެ ނަންފުޅު ބައްޓަންކޮށް ހަދާފައެވެ. މީގެއިތުރުން ގަލުގައި ރީތި މަންޒަރުތައް ކުރެހުމާއި، ލެންސެއްގައި ފޭސްބުކްގެ ޗެއާމަން މާކް ޒޫކަރބާގްގެ ކުރެހުމެއް ވެސް ފުއާދު ވަނީ ކުރަހާފައެވެ.
މީގެއިތުރުން ފަންސޫރު ތުނޑުގައި އިނގިރޭސީ އަކުރުތަކުގެ ހުރިހާ އަކުރެއް ބައްޓަން ކުރުމުގެ އިތުރުން އަމިއްލަ ނިޔަފަތީގައި ގުދުރަތީ ރީތި މަންޒަރެއް ކުރަހާލުން ވެސް ހިމެނެއެވެ.

އުމުރުން 25 އަހަރުގެ ފުއާދު ކެބްދާނީ، މިފަދައިން ތަފާތު ކުރެހުމާއި އުފެއްދުންތައް އުފައްދަން ފެށީ އޭނާގެ އުމުރުން ވަރަށް ޅައިރުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.