ދީން

އިޝާނާއި ބައްދަލުވެއްޖެ، ބުނީ މިޔުޒިކާ ދުރަށް ދިޔުމުން ލިބޭ ހިތްހަމަ ޖެހުމަކީ ދުވަހަކުވެސް ކުރިން ނުލިބޭ ހިތްހަމަޖެހުމެއް ކަމަށް : ޢަލީ ރަމީޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ އަކީ ކުރީގެ މަޝްހޫރު ދެ ލަވަކިޔުންތެރިއަކަށް ވަރަަށް ޚާއްސަ ދުވަހެކެވެ.

Ads by MWSC

މުޅި ރާއްޖޭގައި ވެސް އެމީހެއްގެ ނަން އެންމެ މަޝްހޫރު، އަދި އެމީހެއްގެ އަޑުގެ ޖާދުލުގައި އަދިވެސް އެތައް ބަޔަކު ޖެހިފައިވާ ޢަލީ ރަމީޒާއި، މިޔުޒިކީ ދުނިޔޭގައި އެފަދަ ކާމިޔާބެއް ހޯދި އަދި މިހާރު މިޔުޒިކާ އަލްވަދާއު ކިޔާފައިވާ ނަން މަޝްހޫރު ޒުވާނެއް ކަމުގައިވާ މުޙައްމަދު އިޝާން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް އެކަކު އަނެކަކާ ހަމަ ލޮލަށް ބައްދަލު ވެފައެވެ.

މިކަން ޢަލީ ރަމީޒު އޭނާގެ ފޭސްބުކްގައި ވެސް ވަނީ ހިއްސާ ކުރައްވާފައެވެ. ޢަލީ ރަމީޒު ވިދާޅުވީ ފުރަތަމަ ފަހަރަށް އިޝާންއާ ހަމަ ލޮލަށް އިއްޔެ ބައްދަލު ވެފައިވާ ކަމަށާއި ދެ މީހުންގެ މެދުގައި ވަރަށް ރަނގަޅު ވާހަކަތަކެއް ވެސް ދެކެވިގެން ދިޔަ ކަމަށެވެ.

"އަހަރެން ކުރި އެއް ސުވާލުގެ ޖަވާބުގައި އިޝާން ބުނީ، މިޔުޒިކާ ދުރަށް ދިޔުމުން ތިމަންނާއަށް އިޙުސާސް ކުރެވޭ ހިތްހަމަޖެހުމާއި ހިތްސާފު ކަމަކީ ދުވަހަކު ވެސް މީގެ ކުރިން ކުރެވިފައި ނުވާ އިހުސާސެއް ކަމަށް" ޢަލީ ރަމީޒް ވިދާޅުވިއެވެ.

މިޔުޒިކާއި އެފަދަ މަޝްހޫރުކަން އިޝާން ދޫކޮށްލިކަން އިއުލާނުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ.

އެގޮތުން އެއިރު އިޝާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއުޒިކް ކުޅޭ އަޑު އެހުން އެއީ ﷲ އާ ތިބާ އާ އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް ވެސް އިޝާން ބުންޏެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާ ނުބައްދަލު" އިޝާންގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އިޝާންގެ ޕޯސްޓު ޝެއާ ކުރައްވަމުން އެއިރު ޢަލީ ރަމީޒު ވިދާޅުވީ އިޝާން ލަވަ ކިޔުން ހުއްޓާލި ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި އިޝާން އަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ" ޢަލީ ރަމީޒު ވިދާޅުވިއެވެ.

އިޝާން މިޔުޒިކާއި ދުރަށް ދިޔުމުން، މީގެ ކުރިން ޢަލީ ރަމީޒު ވަނީ އޮންލައިންކޮށް އިޝާންއާ ބައްދަލުކޮށް، އިޝާންގެ އިންޓަވިއުއެއް ވެސް ނަގާފައެވެ. އެއިންޓަވިއު ޢަލީ ރަމީޒު ވަނީ އޭނާގެ ޔޫޓިއުބް ޗެނަލު މެދުވެރިކޮށް އާންމުންނާ ޙިއްސާ ވެސް ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!