ލައިފްސްޓައިލް

ޖަމާޢަތުގައި ފަތިސްނަމާދު ކުރާ ކުދީންނަށް ބައިސްކަލެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިސްލާމްކަން ދައްކައިދޭ ދަލީލަކީ ނަމާދު އަދާ ކުރުމެވެ. އެއީ ދީނުގެ ތަބެވެ. ކާމިޔާބުގެ ސިއްރެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ ޢަމަލެވެ. ނަމާދު ޤާއިމް ކޮށްފި މީހެއް ދީން ޤާއިމް ކޮށްފިއެވެ. އަދި ނަމާދު އަޅައިފި މީހެއް ދީން މުގުރާލައިފިއެވެ.

Ads by Sosun Fihaara

މިފަދަ އަހައްމިއްޔަތުކަމެއް ނަމާދަށް ދެވިފައިވާއިރު ، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބަޔަކު ނަމާދަށް ފަރުވާ ކުޑަކުރެއެވެ. ހަމައެހެންމެ އެމީހުންގެ ދަރީން ނަމާދަށް ލޯބި ކުރުމުގެ މައްޗަށް ހޭނުވުމުގައި އިސްކަމެއް ނުދެވެއެވެ. ނަމަވެސް ލޯބިވާ ދަރިފުޅު ބޭނުން އެއްޗެއް ހޯދައިދީ އެކުދީން ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ކުރާއިރު ހަގީގީ ހިތްހަމަ ޖެހުމަކީ އެކުދީން ނަރަކައިން ސަލާމަތް ކުރުން ނޫންތޯއެވެ. އެކުދީން ސުވަރުގެ ޙާޞިލް ކުރުމުގެ މަގަށް ތަރުބިއްޔަތު ކުރުން ނޫންތޯއެވެ.

ފަރުޟު ފަސްނަމާދުގެ ތެރެއިން ވެސް ވަކީން ބޮޑު ހެޔޮ ކަމެއް ފަތިސް ނަމާދުގައި ވެއެވެ. ހަމައެކަނި އެ ނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތުގެ ސަވާބާމެދު ވިސްނާލިޔަސް މިކަން ފަހުމް ވެގެންދެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކުޢަތް ދުނިޔެއާ ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑެވެ.

މިދެންނެވި ސަބަބުތަކަށް ޓަކައި ކުދީން ނަމާދަށް ލޯބި ޖެއްސުމަށް މުސްލިމުންގެ އެކި މުޖުތަމަޢުގައި އެކި ކަންކަން އުޅެއެވެ. އެގޮތުން ފަތިސް ނަމާދަށް ކުދީން އަހުލުވެރި ކުރުމުގެ ގޮތުން ނަމާދު ކުރާ ކުދީންނަށް ހަދިޔާދީ ހަދައެވެ. މިފަދަ ޕްރޮގްރާމްތަކެއް އިންޑިއާއާއި މިސްރު އަދި މެލެޝިއާއާ އިނގެރޭސި ވިލާތުގެ އިތުރުން ތުރުކީގައި ވެސް ހިންގާފައި ވެއެވެ. އެ ޕްރޮގްރާމްތަކުގެ ދަށުން 40 ދުވަސްވަންދެން ޖަމާޢަތުގައި ފަތިސްނަމާދު ކުރާ ކުދީންނަށް ވަނީ ބައިސްކަލް ހަދިޔާކޮށްފައެވެ. އަދި 40 ހަމަ ނުވި ނަމަވެސް އެކަމުގައި ހިތްވަރާއެކު މަސައްކަތް ކުރި ކުދީންނަށް ގަޑި ފަދަ ހަދިޔާ ދީފައި ވެއެވެ. ތަރުބިއްޔަތުގެ މާހިރުން ވިދާޅުވާ ގޮތުގައި 40 ދުވަސް ވާންދެން އަމަލެއް ކުރުން މަތީ ދެމިހުރެއްޖެނަމަ އެކަމެއްގައި އެމީހަކު އާދަވެއެވެ.

އިންޑިއާގެ ބެންގަލޫރުގައި ހިންގި މިފަދަ ހަރަކާތެއްގައި 200 ކުދީން ބައިވެރިވެފައިވާއިރު 99 ކުދީން ވަނީ ހަރަކާތް ފުރިހަމަ ކޮށްފައެވެ. އަދި ބެންގަލޫރުގެ ހާޖީ އިސްމާއީލް މިސްކިތުގެ ކޮމިޔުނީޓިން ކުރިއަށް ގެންދިޔަަ އެ ޕްރޮގްރާމް ފުރިހަމަ ކުރި ކުދީންނަށް ބައިސްކަލް ހަދިޔާ ކުރުމުގެ އިތުރުން އެ ޕްރޮގްރާމްގައި ބައިވެރިވި އެހެން ކުދީންނަށް ވެސް ވަނީ ތަފާތު ހަދިޔާ ދީފައެވެ.

އަހަރެމެންނަކީ ވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި ނަމާދަށް އިސްކަން ދޭ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!