ޑަބްލިއުޓީއެމް ލަންޑަން ފެއާގައި ވިޒިޓް މޯލްޑިވްސް އިޔާ ލޯންޗްކޮށްފި
.jpg.jpeg)
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ޑަބްލިއު.ޓީ.އެމް ލަންޑަން 2026ގެ ތެރެއިން، ބައިނަލްއަޤްވާމީ މީޑިއާތަކާއި ފަތުރުވެރިކަމުގެ ވިޔަފާރި ބައިވެރިންނަށް އަމާޒުކޮށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕޭން ރާއްޖެއިން އިފްތިތާޙްކޮށް، ފަތުރުވެރިކަމުގެ އައު ހަރުފަތަކަށް އަމާޒު ހިފައިފިއެވެ.
މިއީ 2026ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2027ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ"ގެ ގޮތުގައި ކަނޑައެޅުއްވުމާ ގުޅިގެން، ކުރިއަށް އޮތް އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދެވޭ ޚާއްޞަ ދަޢުވަތެކެވެ.
ސެލެބްރޭޓް ދަ ސަނީ ސައިޑް – އެން އިންވިޓޭޝަން ޓު ދަ ވޯލްޑް"ގެ ނަމުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އޮނަރަބަލް މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ)ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި ކެމްޕޭނަކީ ދިވެހިރާއްޖެ މުޅި ދުނިޔެއަށް ދައްކުވައިދިނުމަށްޓަކައި ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާޢަތް އެކަތިގަނޑަކަށްވެގެން ކުރިއަށްދާ ޤައުމީ ދަތުރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި މެހެމާންދާރީގެ އިތުރުން ތަފާތު ތަޖުރިބާތައް ފާހަގަކޮށް، ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވީ.އެމް.ސީގެ ސީއީއޯ ޢަބްދުﷲ ޔާސިރު ވަނީ، މިއީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި އިސްނެންގެވުމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ހަފުލާގެ ތެރެއިން ޚާއްޞަ ލީޑަރޝިޕް ޕެނަލްއެއް ވެސް ވަނީ ކުރިއަށްގޮސްފައެވެ. މި ޕެނަލްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ޙުސައިން ޢަފީފާއި، ވަޒީރު މުޙައްމަދު އަމީނާއި، ވީ.އެމް.ސީގެ ޗެއަރޕަރސަން ޢަބްދުﷲ ޤިޔާސް ރިޔާޒް އަދި ވިލާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރ އިބްރާހިމް ސިޔާދު ޤާސިމް ބައިވެރިވެވަޑައިގަތެވެ. މި ބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ޤައުމީ ތަޞައްވުރާއި، ޞިނާޢަތުގެ ބައިވެރިވުމާއި، އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ކެމްޕޭން ލޯންޗުކޮށްފައި ވަނީ ފަތުރުވެރިކަމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2026ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،762،751 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 56.9 އިންސައްތަ އަކީ ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.
ނޮވެމްބަރު 3އިން 5އަށް އެކްސެލް ލަންޑަންގައި ކުރިއަށްދާ މި މަޢުރަޒުގައި ރާއްޖެއިން 161 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން 136 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން، މި ފެއާގެ ތެރެއިން "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2027" ތައާރަފްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި 2027ވަނަ އަހަރަށް އަމާޒުކޮށްގެން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް، ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި އަދި މީޑިއާތަކާއެކު ގުޅިގެން މާކެޓިންގ ހަރަކާތްތައް ހިންގުމަށް ވިޒިޓް މޯލްޑިވްސްއިން މި މަޢުރަޒުގައި މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.





ކޮމެންޓް