24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފި
.webp)
އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ އެސްޕަޔާ އަދި އެރައިސް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި މިއީ 2028ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ހާސިލުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމެއްކަމަށް ވެސް ބުންޏެވެ.
މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ނިމި، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އެ ރަށްރަށުގައި ގާއިމުކުރެވި ބޭނުންކުރަން ފެށުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޒަމާނުއްސުރެ ތެލަަށް ކުރަން ޖެހޭ ބޮޑު ހޭދައާ ގުޅިގެން ސަރުކާރުގެ އަމާޒު ހިފާފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ އިއާދަކުރަނިވި މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމަށެވެ.





ކޮމެންޓް