ކޮވިޑް-19ގެ އާވެރިއަންޓްއާ ދެކޮޅަށް ވެކްސިން މަސައްކަތް ނުކޮށްފާނެތީ ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން
ކޮވިޑް-19 އުފެދިފައިވާ އާ ވޭރިއަންޓްތަކާ ދެކޮޅަށް، ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން މަސައްކަތް ނުކޮށްފާނެތީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޔޫރަޕިއަން ޑިރެކްޓަރ ޚާންސް ކްލަގް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އޭއެފްޕީ އަށް ދެއްވި އިންޓަރވިއުއެއްގައި ވެކްސިނުގެ އާ ވެރިންޓްތަކާ ދެކޮޅަށް ވެކްސިން މަސައްކަތް ކޮށްފާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޚާން ވިދާޅުވެފައިވަނީ، އިންސާނުންނަށްވުރެ ކުރީގައި އަދިވެސް އުޅެނީ ވައިރަސް ކަމަށާއި ވެކްސިން މަސައްކަތް ކޮށްފާނެތޯ ކުރެވޭ ސުވާލަކީ ބޮޑު ސުވާލެއް ކަމަށެވެ. އަދި ވެކްސިނަށް ނުކަތާފާނެތީ ކަންބޮޑުވާ ކަމަށާއި ދިމާވެދާނެ ކޮންމެ ހާލަތަކަށް ދުރާލާ ތައްުޔާރުވެ ތިބުން ބުއްދިވެރި ކަމަށް ވިދާޅުވިއެވެ.
"ޖިއޮނޮމިސް ސީކުއަނަސް ކެޕޭސިޓީ އިތުރުކޮށް، އެކި ސްޓްރެއިންގެ ވައިރަސް ކުރީބައި ދެނެގަންނަން އެބަ ޖެހޭ" ޚާންސް ވިދާޅުވިއެވެ.
ޖިއޮނޮމިސް ސީކުއަނަސް އަކީ ވައިރަސްގެ ޖެނެޓިކް ކޯޑްތައް ދެނެގަތުމެވެ.
ހާންސް މިހެން ވިދާޅުވެފައިވާއިރު އިނގިރޭސިވިލާތުން ދާދިފަހުން ވަނީ 4،000 އަށްވުރެ ގިނަ ކޮވިޑް-19 ވޭރިއަންޓް އުޅޭ ކަމަށް ބުނެފައެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައިވާ ޝާއިއު ކޮށްފައިވާ ގޮތުގައި މިހާތަނަށް ތަހްލީލް ކޮށްފައިވާ ކޮވިޑް-19 ސްޓްރެއިންތަކުގައި ވައިރަސްއަށް އައިސްފައި ވަނީ ކުޑަ ބަދަލެކެވެ. މިސާލަކަށް މިއުޓޭޓް ވެފައިވާ ސްޓްރެއިންގެ އަވަހަށް ފެތުރުން (އިތުރަށް ކޮންޓޭޖިއަސްވުން) ފަދަ ތަފާތުތައް ފެންނަ ނަމަވެސް، ވައިރަސްގެ ސްޓްރަކްޗަރަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރެއެވެ.
އިނގިރޭސިވިލާތުގައި ވެކްސިން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަދީޒް ޚަޒާވީ ވިދާޅުވެފައިވަނީ، ވެކްސިން ހަދާ ކުންފުނިތަކުން އާވޭރިއަންޓްތަކާ ހަނގުރާމަ ކުރެވޭނެ ވެކްސިން ތައްޔާރު ކުރާނެ ކަމަށާއި މިހާރު ހުރި ވޭރިއަންޓްތަކަށް، މިހާރު އުފައްދާފައިވާ ވެކްސިން މަސައްކަތް ކުރާނެ ކަމަށެވެ.
ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 105,625,428 މީހުންނަށް ޖެހިފައިވާއިރު، 2,299,988 މީހުން މިބަލީގައި ވަނީ މަރުވެފައެވެ. އަދި ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ރާއްޖެއާ މުޅި ދުނިޔޭގައި ވެސް ދަނީ ހަލުވި ކަމާއެކު ކުރިއަށް ގެންދަމުންނެވެ.