މީޑިއާ ވިލެޖުގައި މިހާރު ކުރަމުންދަނީ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް: ރައީސް

މެންހެޓަން ގްރޭންޑް ހޮޓަލުގައި މީޑީއާ ވިލެޖަށް ބޭނުންވާ ޖާގަތައް މިހާރު ހަދާ ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެެވެ.
މީޑިއާ ވިލެޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގައި، ނޫސްތައް ހިންގާ ބައެއް އިސްވެރިންގެ ފަރާތުން އެދުނު އެއް ކަމަކީ އޮފީސް ޖާގައެއް ދައުލަތުން ދޫކުރުމެވެ. އޭރުން ވެސް ނޫސްތައް ހިންގުމުގެ ހަރަދު ކުޑަވެ ފަސޭހަވާނެކަމެވެ.
ރައީސް ވަނީ ނޫސްވެރިން ހުށަހެޅުއްވި ގޮތަށް މިދިޔަ ހޮނިހިރު ދުވަހު ހުޅުވި މެންހެޓަން ގްރޭންޑް ހޮޓެލްގެ ބައެއް ފްލޯ މީޑިއާ ވިލެޖަށް ހާއްސަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިިހާރު އެ ތަނުގައި މީޑީއާ ވިލެޖަށް ޖާގަތައް ހަދާ ނިންމާފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ އިކުއިޕްމަންޓްސްތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.
"ސްޓޫޑިއޯ ހަމަ މީޑިއާތަކުން ޓީވީ ތަކުން އަދި ކޮންޓެންޓް ކްރިއޭޓަރުން ދެންގޮސް ހުރިހާ ފަރާތްތަކުން އެކި ބޭނުމުގައި ކުއްޔަށް ނެގޭގޮތަށް ރެޑީކޮށްފައި، ދެން ފަށަން ގަސްދުކުރަނީ" ރައީސް ވިދާޅުވިއެވެ.
އަދި އެ ތަނުގައި ޖާގަބޮޑު ތަނަވަސް ސްޓޫޑިއޯއެއް ހަދަން ނިންމާފައިވާ ކަމަށާއި މިހާރު އެތަނަށް ބޭނުންވާ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީޑީއާ ވިލެޖުން ތަންތައް ކުއްޔަށް ދޭން ފަށާނީ ސްޓޫޑިއޯ ނިންމާފައިކަމަށް ވެސް ވިދާޅުވިއެވެ.





ކޮމެންޓް