ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރުމަށް އެއްބަސްވުމެއް
ކާރިސާތަކަށް ތައްޔާރުވުމާއި ކުރިއާލައި އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށާއި، ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ)އާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި "ޓްރެކްޓް" (ޓީއާރްއޭސީޓީ) ޕްރޮޖެކްޓުގެ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު މުޖުތަމައުގައި އިތުރުކުރުމާއި، އެފަދަ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މީގެ އިތުރުން، ރައްޔިތުންގެ ބައިވެރިވުމާ އެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ސަބަބުން މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވާނެ ކަމަށެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެއެވެ.





ކޮމެންޓް