ބޭރު ކުންފުނިތަކަށް ރާއްޖޭގައި އައިލެންޑް ވޯކްސްޕޭސް ހެދިދާނެ: ޔޫއެންޑީޕީ

ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ރާއްޖެ އައިސް މަސައްކަތް ކުރަން ތިބެވޭނެ "އައިލެންޑް ވޯކްސްޕޭސް" ރާއްޖޭގެ ރަށްރަށުގައި ތައާރަފު ކުރަން ޔޫއެންޑީޕީން ހިޔާލެއް ހުށަހަޅައިފިއެވެ.
ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޕްރެޒެންޓޭޝަން ދެއްވަމުން ޔޫއެންޑީޕީގެ އޭޝިއާ އެންޑް ދަ ޕެސިފިކް ސަރަހައްދުގެ އެސްޑީޖީ ފައިނޭންސްގެ ރީޖަނަލް ލީޑް ޗާލްސް ޔޫ ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުން ފަތުރުވެރިކަމުގެ އިތުރުން އައު ގޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި އާދައިގެ ގޮތެއްގައި ހިންގާ "ޑިޖިޓަލް ނޯމޭޑް" ޕްރޮގްރާމްތަކާ ޚިލާފަށް ރާއްޖޭގެ މާހައުލާ ގުޅޭ ވަކި ޚާއްސަ ވިޔަފާރި މޮޑެލްއެއްގެ ދަށުން މިކަން ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ބޭރުގެ ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ އަހަރީ އެޗްއާރު އިނާޔަތެއް ނުވަތަ "ކޯޕަރޭޓް ވެލްބީއިންގް" ޕެކޭޖެއްގެ ގޮތުގައި ދެ ހަފްތާގެ މުއްދަތަށް ޓީމުތައް ރާއްޖެ ފޮނުވުމުގެ ވިސްނުން ޗާލްސް ހިއްސާކުރެއްވިއެވެ. މި މޮޑެލްގެ ދަށުން މުވައްޒަފުން ހޯމަ ދުވަހުން ހުކުރު ދުވަހަށް ރާއްޖޭގެ ރަށެއްގައި ގާއިމުކޮށްފައިވާ ވޯކްސްޕޭސްއެއްގައި ރިމޯޓްކޮށް މަސައްކަތް ކުރުމަށް ފަހު، ހޮނިހިރާއި އާދީއްތަ ދުވަހު އެ ރަށެއްގައި ޗުއްޓީ ހޭދަކުރާނެއެވެ.
މިފަދަ އިންތިޒާމެއްގެ މާލީ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ޗާލްސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދެތިން ރަށެއްގައި މިގޮތަށް ހިއްސާކުރެވޭ "އައިލެންޑް ވޯކްސްޕޭސް"ތައް ގާއިމުކޮށް، އެކި ކުންފުނިތަކާ އެކު ކުރިއާލާ އެއްބަސްވުންތައް ހަދައިގެން ބުކިންގް ހޯދުމުން، އެއީ ޔަގީންކަމާ އެކު ތަކުރާރުކޮށް ލިބޭނެ އާމްދަނީއަކަށްވާނެއެވެ.
"ފުރަތަމަ ދެތިން އަހަރު މިފަދަ ކޯޕަރޭޓް ބުކިންގްތައް ލިބޭކަން ދެއްކިއްޖެނަމަ އެ ލިބޭ ދެމެހެއްޓެނިވި އާމްދަނީގެ މައްޗަށް ބިނާކޮށް ބޭންކުތަކުން ލޯނު ހޯދުމަށާއި، މަޝްރޫއު ފުޅާކުރުމަށް ބޮޑެތި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ފައިސާ ހޯދުމަށް މަގު ފަހިވާނެ،" ޗާލްސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން އަންނަ މުވައްޒަފުން ހަފްތާ ބަންދުގައި ރަށްރަށުގެ ގެސްޓްހައުސްތަކުގައި ތިބުމާއި، ރަށުގެ ފިހާރަތަކުން ވިޔަފާރިކޮށް އެހެނިހެން ޚިދުމަތްތައް ހޯދުމުގެ ސަބަބުން ރަށްރަށުގެ އާންމު އިގްތިސާދަށް ސީދާ މަންފާ ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުންފުނިތަކުން މުވައްޒަފުންނަށް ދޭ އަގުބޮޑު އެހެން އިނާޔަތްތަކުގެ ބަދަލުގައި، ރާއްޖޭގެ ހިތްގައިމު މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަކީ މުވައްޒަފުންގެ މަސައްކަތުގެ ރޫހު އާލާވެ، ކުންފުނިތަކަށް ވެސް ބޮޑު ފައިދާއެއް ކުރާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.