މުޢިއްޒުގެ ކެންޕެއިން ޙަރަކާތްތައް މީސްމީޑިއާގެ ހުރިހާ މަންސައަކަށް
މާލޭ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުގެ ކެންޕެއިން ހަރަކާތްތައް ވަރުގަދަ ކޮށްފިއެވެ.
ޑރ.މުޢިއްޒު ވަނީ ކެންޕެއިން ޙަރަކާތްތައް ހިންގުމަށް މީސްމީޑިއާގެ ގިނަ ޕްލެޓްފޯމްތަކެއް ބޭނުން ކުރައްވާނެ ކަން ހާމަކޮށްފައެވެ. މިގޮތުން ޓުވިޓާ، ފޭސްބުކް، ޔޫޓިއުބް، އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކްގައި ކެންޕެއިން ކުރާނެ އެކައުންޓްތައް ވަނީ ޤާއިމް ކޮށްފައެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ މި އެކައުންޓްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި މިއެކައުންޓްތައް ބޭނުންފުޅު ކުރައްވާ މުޢިއްޒު ދަނީ މާލޭގައި ހުރި އެކިއެކި މައްސަލަތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާ، އެކަންކަމާ ގުޅޭ ގޮތުން އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތްތައް ހާމަ ކުރައްވަމުންނެވެ. އަދި އެމަނިކުފާނާ އަމާޒުވާ ތުހުމަތުތަކަށް ޖަވާބުދާރީވުމާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި މީގެ ކުރިންވެސް މުއިއްޒު ވަނީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންފުޅު ކުރައްވާފައެވެ.
މީސްމީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މުއިއްޒު ނިންމެވީ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައި ވަނިކޮށެވެ. މިގޮތުން އިންތިޚާބުގައި ކެންޕެއިން ކުރުމުގެ ހަރަކާތްތައް ވީހާވެސް ބޮޑަކަށް އޮންލައިން ކުރުމަށް އެޗްޕީއޭއިން ވަނީ ބާރު އަޅާފައެވެ.