އައްޑޫސިޓީ ހިތަދޫއަށް އަރާފޭބުން މަނާކޮށްފި

ކަރަންޓީނުގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އައްޑޫސިޓީ ހިތަދޫއަށް އަރާ ފޭބުން މަނާކޮށް، މޮނީޓަރިންގަށް ލައިފިއެވެ.
އައްޑޫސިޓީ ހިތަދޫ މޮނީޓަރިންގެ ހާލަތަށްލާފައި ވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
އެ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހިތަދޫން ފައްސި ވެފައިވަނީ ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކި ދެ ފިރިހެނުން ކަމަށެވެ.
"ބަލިވެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ފައްސި ވެފައި ވަނީ. މިހާރު އެ ދެމީހުން ވަނީ އައިސޮލޭޓް ކުރެވިފަ. ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން ދަނީ" ޞާދިޤު ވިދާޅުވިއެވެ.
ހިތަދޫން ކަރަންޓީންގައި ނެތް ދެ މީހަކު ފައްސިވިއިރު، އެ ސިޓީގެ ހުޅުމީދޫ ސައިޓަކުން 24 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.